އަންނަ 2025 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ އަތޮޅަކުން އައިޑީކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މި ޔަޤީންކަން ދެއްވީ ރޭ ދަރުބާރުގޭގައި ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި ރާއްޖޭގައި އަމާންކަން ޤާއިމުކޮށް، ޤާނޫނު ތަންފީޒުކުރުމަށް މި ހިނގާ 2024 ވަނަ އަހަރަކީ ކާމިޔާބު މަސައްކަތްތަކެއް ކުރެވިދިޔަ އަހަރެކެވެ. އެގޮތުން ދިވެހިރާއްޖޭގައި ހެދިފައި އޮތް އިމިގްރޭޝަން ޤާނޫނު، އެންމެ ފުރިހަމައަށް ތަންފީޒުކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މިގޮތުން ދިވެހިރާއްޖޭގައި ހެދިފައި އޮތް ޤާނޫނާއި ޤަވައިދުތަކާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަކީ އެއްވެސް ސަރުކާރަކަށް ޙައްލު ނުކުރެވި، އެތައް އަހަރަކަށް ދިގުލައިގޮސްފައިވާ މައްސަލައެއްކަން ފާހަގަކުރަށްވައި، އެމަނިކުފާނު ސަރުކާރު ހިންގެވުމާއި އެމަނިކުފާނު ޙަވާލުވެވަޑައިގަތުމަށް ފަހު، ޤަވާއިދާ ޚިލާފަށް ބިދޭސީން ކުރަމުން ދިޔަ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ފެއްޓެވިކަން ވަނީ ފާހަގަކުރަށްވާފައެވެ.
މިގޮތުން ޤަވައިދާ ޚިލާފަށް އުޅެމުންދިޔަކަމަށް ފާހަގަކުރެވުނު 4700 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ޑީޕޯޓްކޮށްފައިވާކަމަށާއި، މިއީ އަހަރު ދުވަހަށް ބަލާއިރު ރެކޯޑެއް ކަމަށް ވިދާޅުވިއެވެ. އަދި މި ކަމަށް ދާއިމީ ޙައްލެއް ބޭނުންފުޅުވާކަމަށާއި، ނޫންނަމަ އެތެރެއިން އަންނަ މިނިވަންކަމުގެ ބުރުލަކަށް މިކަންވެގެންދާނެކަމުގައި ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ކުރިއަށް އޮތް 2025 ވަނަ އަހަރު ނިމޭއިރު، ދިވެހިރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ދެވެމުންދާނެކަމުގެ ޔަޤީންކަން ވެސް ދެއްވާފައެވެ.
ރައީސް ވިދާޅުވެފައި ވަނީ، ހަމައެކަނި ބޮޑެތި ޢިމާރާތްތަކެއް އަޅައިގެން ތިބުމަކުން ސަރުކާރުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ޙަޤީޤީ އުފާވެރިކަމެއް ލިބޭނީ ދިރިހުރި ފަރާތަކަށް، ދިރުމަކަށް ކަމެއް ކޮށްދެވިގެން ކަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!