ރާއްޖޭގެ އުތުރާއި ދެކުނުގައި ތަރައްޤީ ކުރަނީ އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯންތަކެއްކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ ހަތް ސަރަހައްދެއްގައި ތަރައްގީކުރަން ނިންމާފައިވާ އާބަން ސެންޓަރު ތަކުގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާ ހަތް ރަށް މިއަދު ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާއިން އާންމުކުރުމާއި އެކު އިދިކޮޅު ފަރާތްތަކުން އަންނަނީ ރާއްޖޭގެ އުތުރުގައި އަދި ދެކުނުގެ ރަށްތައް ނެތްކަމަށް ބުނެ ފާޑުކިޔަމުންނެވެ.
މިކަމަށް ރަށްދުދެއްވަމުން ރައީސް މީސްމީޑިޔާގައި ވިދާޅުވީ، ދެމެހެއްޓެނިވި ސަރަޙައްދީ ތަރައްޤީގެ ސިޔާސަތުގެ ދަށުން މާލެ އަރބަން ރީޖަން ގެ އިތުރުން އެންމެ މަތީ ފަންތީގެ ޚިދްމަތްތައް ހިމެނޭހެން، އެންމެ އުތުރުގެ 3 އަތޮޅު ހިމެނޭހެން ނޮރދަން އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނަކާއި އެންމެ ދެކުނުގެ 4 އަތޮޅު ހިމެނޭހެން ސަރދަން އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއް ތަރައްޤީ ކުރެވޭކެކަމަށެވެ.
މެނިފެސްޓޯގައި (ޗެޕްޓަރ 4، ނަންބަރު 12، 13 އަދި 14 ގައި) ވަރަށް ސާފުކޮށް ބަޔާންކޮށް އަދި މެނިފެސްޓޯ ލޯންޗްކުރި ޖަލްސާއިން ފެށިގެން މިއަދާ ހަމަޔަށް އެތައް ޖަލްސާއެއްގައި އެކަން ބަޔާންކޮށްފައިވާނެކަމަަށް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރަށް 7 އަރބަން ސެންޓަރު (މާލެއިން އުތުރުން 3، މާލެއިން ދެކުނުން 4) ތަރައްޤީ ކުރުން އެއީ ސަރުކާރުގެ ސިޔާސަތު، އަދި މިކަންކަމަކީ ކުރިޔަށް 20 އަހަރު ދުވަހަށް އެކަށައަޅަން މަސައްކަތް ފަށާފައިވާ ތަރައްޤީގެ މާސްޓަރޕްލޭންގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ޚިޔާލާއި، ފަންނީ ފަރާތްތަކާއި ކައުންސިލްތަކާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު އެކަށައެޅުމަށް ޤަސްދުކުރާ ކަންކަންކަމުގައި ރައީސް ވިދާޅުވި އެވެ.
"ކަންކަމުގެ ހަގީގަތް ނުބައްލަވާ، ނުވަތަ ޙަޤީޤަތް އެނގިވަޑައިގެން ތިއްބަވައިގެން، ސިޔާސީ ފައިދާ ހޯދުމުގެ ނިޔަތުގައި ސިޔާސީ ބައެއް ފަރާތްތަކުން ކުރައްވާ ކަންކަމަށް ޒިންމާވާނީ އެކަންކަން ކުރައްވާ ބޭފުޅުން."
ރައީސް ވިދާޅުވެފައިވެއެވެ.
މިއަދު ސަރުކާރުން ކަނޑައެޅި 7 އަރބަން ސެންޓަރުގެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ރ.އުނގޫފާރު، ބ.އޭދަފުށި، ޅ.ނައިފަރު، އދ.މަހިބަދޫ، ފ.ނިލަންދޫ، ދ. ކުޑަހުވަދޫގެ އިތުރުން ލ.ފޮނަދޫއެވެ.
ރާއްޖޭގެ އެކިސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ތަރައްގީކޮށް މާލެއިން ލިބެންހުރި ހިދުމަތްތައް އެ ސަރަހައްދުގައި ގާއިމްކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މިއަދު އާންމުކުރި ލިސްޓްގައި ހިމެނޭ ބައެއް ރަށްރަށަށް މި އަހަރުތެރޭ ރައީސް ވަޑައިގެން އާބަން ސެންޓަރުތަކާއި ގުޅޭގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން މި އަހަރުގެ މާޗް މަހު ބ.އޭދަފުއްޓަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އާބަން ސެންޓަރުތަކަކީ ރަށުގެ ރައްޔިތުން އެދޭ ހުރިހާ ތަރައްގީއެއް ފުރިހަމަވެ، އެހެން ރަށްރަށުން ވެސް މީހުން ހިޖުރަ ކުރަން ބޭނުންވާ ފަދަ ތަންތަނަށް ހަދައިދެއްވާނެ ކަމަށާއި އެ ލިސްޓްގައި ހިމެނޭ އެއް ރަށަކީ ކުޑަހުވަދޫ ކަމަށެވެ.
މީގެއިތުރުން މި އަހަރުތެރޭ ރ.އަތޮޅު އުނގޫފާރަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވެސް ވަނީ މިފަދައިން ތަކުރާރު ކުރައްވާފައެވެ.
އާބަން ސެންޓަރުތައް އެޅުމަށް ރައްޔިތުންގެ ބައިވެރިވުން އޮންނަ ގޮތަށް، ހިޔާލާއި މަޝްވަރާ ހޯދައިގެން، އާބަން ސެންޓަރުތައް ކަނޑައެޅުމަށް ކަމާ ގުޅޭ އިދާރާތައް ގުޅިގެން ތަފްސީލީ ދިރާސާއެއް ކުރަން ސަރުކާރުން މި އަހަރުގެ ޖެނުއަރީ މަހު ނިންމާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!