ސެމްސަންގުން އެކުންފުނީގެ ސްމާޓްފޯނުތަކާއި ވެއަރަބަލް ޑިވައިސްތަކުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ނޮވެމްބަރު މަހުގެ ސެކިއުރިޓީ ޕެޗް ނެރެފިއެވެ. މި އަޕްޑޭޓުން ޖުމްލަ 51 ސެކިއުރިޓީ މައްސަލައެއް ހައްލުކޮށްފައިވެއެވެ. އޭގެ ތެރޭގައި އެންޑްރޮއިޑް އޮޕަރޭޓިންގ ސިސްޓަމްގެ 38 މައްސަލައާއި ސެމްސަންގްގެ ވަން ޔޫއައި ސޮފްޓްވެއަރގެ 13 މައްސަލަ ހިމެނެއެވެ.

ސެމްމޮބައިލްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އެންޑްރޮއިޑްގެ 38 މައްސަލައަކީ ނުރައްކާތެރި މައްސަލަތަކެކެވެ. މި މައްސަލަތަކުގެ ސަބަބުން ހެކަރުންނަށް މުހިންމު މަޢުލޫމާތުތަކަށް ވަދެވުމުގެ ނުވަތަ ޑިވައިސްގެ މަސައްކަތަށް ހުރަސް އެޅުމުގެ ފުރުޞަތު އޮވެއެވެ.

Ad
rt

މީގެ އިތުރުން، ސެމްސަންގްގެ ވަން ޔޫއައި އިންޓަރފޭސްގެ 13 ސެކިއުރިޓީ މައްސަލަ ވެސް ހައްލުކޮށްފައިވެއެވެ. މީގެ ތެރެއިން 11 މައްސަލައަކީ މެދުމިނުގެ ނުވަތަ މަތީ ފެންވަރުގެ ނުރައްކަލެއް ކަމުގައި ބެލެވެއެވެ.

މި އަޕްޑޭޓްގެ މުހިންމު ބައެއްގެ ގޮތުގައި ސެމްސަންގްގެ އެކްސިނޮސް ޕްރޮސެސަރތަކުގެ ސެކިއުރިޓީ ހަރުދަނާކުރުން ހިމެނެއެވެ. މީގެ ތެރޭގައި 9820، 9825، 980، 990، 850، 1080، 2100، 1280، 2200، 1330، 1380، 1480، 2400، 9110، ޑަބްލިޔު920، އަދި ޑަބްލިޔު930 ފަދަ ގިނަ މޮޑެލްތަކެއް ހިމެނެއެވެ.

މިހާރު މި އަޕްޑޭޓް ލިބެން ހުރީ ހަމައެކަނި ގެލެކްސީ އެސް23 ސީރީޒްގެ ތިން ފޯނަކަށާއި ގެލެކްސީ އެސް24 ސީރީޒްގެ ތިން ފޯނަކަށެވެ. އެހެން ފޯނުތަކަށާއި ސްމާޓް ވޮޗުތަކަށް މި އަޕްޑޭޓް އަންނަ ހަފްތާތަކުގައި ލިބޭނެ ކަމަށް ސެމްސަންގުން ބުނެފައިވެއެވެ.