މެންޗެސްޓާ ސިޓީ ބަލިވމުގެ ފައިދާނަގައި ލިވަޕޫލުން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ ވަނީ ރަށުން ބޭރުގައި 2-1 ނެތީޖާއިން ބޯންމައުތު އަތުން ބަލިވެފައެވެ.

Ad
rt

އަނިޔާގެ ސަބަބުން ސިޓީގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ބޯންމައުތުން ޖެހީ 9 ވަނަ މިނެޓުގައެވެ. މި ލަނޑު ޖަހައިދިނީ ސެމެންޔޯއެވެ. ބޯންމައުތުން ދެވަނަ ހާފުގައި އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކުރިއެވެ. މި ލަނޑު 64 ވަނަ މިނެޓުގައި ޖެހީ އެވަނިލްސަންއެވެ. ސިޓީގެ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ގްވާޑިއޯލްއެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް ސިޓީން ވަރަށް ބުރަކޮށް މަސައްކަތް ކުރިނަމަވެސް ބޯންމައުތުން ވަނީ ރަނގަޅު ޑިފެންސެއްކޮށް ސިޓީ ހިފަހައްޓާފައެވެ.

ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން ވަނީ ފަހަތުން އަރާ ބޯންމައުތު ބަލިކޮށްފައެވެ. މި މެޗުން ލިވަޕޫލް މޮޅުވީ 2-1 ގެ ނަތީޖާއިންނެވެ.

ރޭ މެޗުގައި ލިވަޕޫލުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބްރައިޓަން އިންނެވެ. އެ ޓީމަށް 14 ވަނަ މިނެޓުގައި ލަނޑު ޖަހައިދިނީ ކަޑިއޯގްލޫ އެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއިންނެވެ. ލިވަޕޫލުން ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 70 ވަނަ މިނެޓުގައި ގަކްޕޯ ޖަހައިދިންއިރު މެޗުން މޮޅުވި ލަނޑު އޭގެ ދެ މިނެޓް ފަހުން ޖަހައިދިނީ ސަލާހްއެވެ.

ރޭ އާސެނަލް ވަނީ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއިން ނިއުކާސަލް އަތުން ބަލިވެފައެވެ. މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ނިއުކާސަލް އަށް ޖަހައިދިނީ އިސަކްއެވެ.

މި ނަތީޖާތަކާއިއެކު ލިވަޕޫލް ވަނީ އެއްވަނައަށް ޖެހިލާފައެވެ. ލިވަޕޫލަށް 10 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ސިޓީއަށް ލިބިފައިވަނީ 10 މެޗުން 23 ޕޮއިންޓެވެ. ތިންވަނާގައި ނޮޓިންހަމް ފޮރެސްޓް އޮތީ 10 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރުވަނާގައި އޮތް އާސެނަލަށް ލިބިފައި ވަނީ 18 ޕޮއިންޓެވެ.