މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ސަރުކާރުން ހެދި "އޮޅު ހިޔާ" މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.
މިއަދު ހުޅުވި ބުޅާ ފެސިލިޓީ ހަދާފައިވަނީ ހުޅުމާލެ ދެވަނަ ފޭސްގައި މާލެ ސިޓީ ކައުންސިލަށް އެޗްޑީސީން ދޫކޮށްފައިވާ 5،000 އަކަފޫޓުގެ ބިމެއްގައެވެ.
މި ފެސިލިޓީ ތަރައްގީ ކޮށްފައިވަނީ ބުޅަލަށް އެކަށޭނަ ގިނަ ހިދުމަތްތަކަކާއި އެކުއެވެ. މިގޮތުން އެތަނުގައި ބުޅާ ކަރަންޓީނު ކުރެވޭ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއަކާއި، ބުޅަލަށް ދޭންޖެހޭ ބޭސްތައް ހުންނަ ފާމަސީއެއްގެ އިތުރުން ބުޅަލަށް ދުވެހެދޭނެ ހުސްބިން ވެސް ވަނީ ހިމަނާފައެވެ.
ބުޅާ ފެސިލިޓީ ރަނގަޅު ގޮތުގައި އޮޕަރޭޓް ކުރުމަށްޓަކައި މިދިޔަ މަހު މާލޭ ސިޓީ ކައުންސިލުން ވަނީ ބުޅާ ފެސިލިޓީގައި މަސައްކަތް ކުރާނެ ޑޮކްޓަރުންނާއި ނަރުހުން ހޯދަން އިއުލާންކޮށް އެކަން ހަމަޖައްސާފައެވެ.
ބުޅާ ފެސިލިޓީއެއް ހަދަން ސަރުކާރުން ނިންމި ސަބަބުތަކުގެ ތެރޭގައި މާލޭގެ މަގުތަކުގައި ބުޅާ ގިނަވެ، އޭގެ ނަޖިހުން އާންމުންނަށް އުނދަގޫވާ ކަމުގެ ޝަކުވާ ބޮޑުވުމާއި، އެތަކެއްޗަށް ލިބެމުންދާ ގެއްލުމުން އެ ތަކެތި ސަލާމަތް ކުރުން ހިމެނެއެވެ.
މި ފެސިލިޓީ ހުޅުއްވައި ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ފެސިލިޓީގެ ސަބަބުން މާލޭގައި އުޅޭ މީހުންނަށް ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި ހަމަޖެހުން ލިބޭނެ ކަމަށާއި، މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ގެންގޮސް އެ އެއްޗިއްސަށް އަޅާލުން އެ ތަނުން ދޭނެ ކަމަށެވެ.
"އޮޅު ހިޔާ" އަކީ މި ސަރުކާރުގެ ހަފްތާ 14ގެ ވަޢުދުތަކުގައި ހިމެނިގެން ތަރައްގީކޮށްފައިވާ ފެސިލިޓީ އެކެވެ. މިއީ ސަރުކާރުގެ އިސްނެންގެވުމުގެމަތީން މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފެސިލިޓީއެކެވެ. އަދި މި މަޝްރޫޢުގެ މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގައި ޕެޓްކެއަރގެ ހަރުދަނާ ޤަވާއިދުތަކަކާއި ޢުޞޫލުތަކެއް ތަންފީޒުކުރުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!