ހުޅުމާލޭގައި ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައި 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / މިލްކުރާގޭ، އަޙްމަދު ޝާހީން ޝަހީދު (18 އަހަރު) އެވެ.

Ad
rt

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ރޭ 22:42 ގައި ހުޅުމާލޭ ރީތިގަސް މަގުގައި ބާރު ސްޕީޑުގައި ދުއްވަމުންދިޔަ ސައިކަލެއް މަޑުކުރުމަށް ފުލުހަކު އެންގުމުން، މަޑުނުކޮށް ދާން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެ ސައިކަލް ހުއްޓުވަން އުޅުނު ފުލުސް މީހާގެ ގައިގައި ސައިކަލުން ޖައްސައި އެ ޒުވާނާ ވަނީ ފިލަން މަސައްކަތްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންބުންޏެވެ.

މި ހާދިސާގައި އަނިޔާވި ފުލުސް މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

ފުލުހުންގެ ފަރާތުން ބުނީ މި މައްސަލަ ދަނީ ތަޙުޤީޤު ކުރަމުންނެވެ.