ތުރުކީ އަމެރިކާ އެކްޓިވިސްޓް އައިސެނުރް އެޒްގީ އެއިގީ މަރާލި މައްސަލަ އަވަހަށް ތަޙުޤީޤުކޮށް، "ފުރިހަމަ ޖަވާބެއް" ދިނުމަށް އަމެރިކާއިން އިސްރާއީލަށް ގޮވާލައިފިއެވެ.
އަމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ސްޕޯކްސްޕަރސަން މެޓް މިލަރ ވިދާޅުވި ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން "ފާއިތުވި ދުވަސްތަކުގައި" އިސްރާއީލުގެ އިސްވެރިންނާ އެކު އެމެރިކާގެ އޮފިޝަލުން ވާހަކަ ދައްކާފައިވެއެވެ.
"އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި ތަޙުޤީޤު އަދިވެސް ކުރިއަށްދަނީ. އަދި ފުރިހަމަ ޖަވާބެއް ދޭ ތަޙުޤީޤެއް އަވަހަށް ނިންމުމަށް އަޅުގަނޑުމެން ދަނީ ގޮވާލަމުން. އިސްރާއީލު ސަރުކާރުން ޖަވާބެއް ލިބުމާއެކު، އެ ކަމާ މެދު އަޅުގަނޑުމެން ދެކޭގޮތް ހާމަކުރާނަން،" މިލަރ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަނަޑޯލުއަށް ވިދާޅުވިއެވެ.
ތަޙުޤީޤުގެ ނަތީޖާއަށް އިންތިޒާރުކުރަމުންދިޔަ ނަމަވެސް، ބޭނުންވެއްޖެ ހިނދެއްގައި ފިޔަވަޅު އެޅުމަށް އެއީ ހުރަހެއް ނޫން ކަމަށް މިލަރ ވިދާޅުވިއެވެ. އަދި އެމެރިކާއިން ފޯރުކޮށްދީފައިވާ ހަތިޔާރަކުން އެއިގީ މަރާލާފައިވޭތޯ ބެލުމަށް ސްޓޭޓް ޑިޕާޓްމަންޓުން ތަޙުޤީޤެއް ކުރެވިދާނެތޯ ސުވާލުކުރުމުން، އެ ފަދަ ތަޙުޤީޤުތަކާއި އެހެނިހެން ބާވަތުގެ މުރާޖަޢާތައް ކުރުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ހިނގަމުންދާ ޖިނާއީ ތަޙުޤީޤުގެ ނަތީޖާއަށް އިންތިޒާރުކުރުމަކީ، އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި އެކަށީގެންވާ ފިޔަވަޅެއް އެޅުމަށް ހުރަހެއް ނޫން. އޭގެ ތެރޭގައި ހަތިޔާރު ބޭނުންކުރުމާ ގުޅޭ ގޮތުން ސްޓޭޓް ޑިޕާޓްމަންޓުން އިތުރު މުރާޖަޢާތައް ކުރުމާއި، އަޅުގަނޑުމެންގެ ސަރުކާރުން ނުވަތަ އެހެން ފަރާތަކުން ކުރާ އެހެނިހެން މުރާޖަޢާތައް ހިމެނޭ،" މިލަރ ވިދާޅުވިއެވެ.
އަދި މި މައްސަލައިގައި ހިނގި ކަންތައްތަކާ ގުޅޭ ގޮތުން ޖަވާބު ހޯދުމަށް "އެހެން އެންމެންނެކޭ އެއްފަދައިން" އެމެރިކާވެސް ކެތްމަދުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!