މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ "މިސް ޔުނިވާސް" މުބާރާތުގައި ދިވެއްސަކު ބައިވެރިވުމަކީ ސަރުކާރާއި އެއްވެސް ގުޅުމެއް އޮތްކަމެއް ނޫން ކަމުގައި ޔޫތު މިނިސްޓްރީން ހާމަކޮށްފިއެވެ.
މިކަމާއި ގުޅިގެން މިއަދު ޔޫތު މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ "މިސް ޔުނިވާސް" މުބާރާތުގައި ދިވެއްސަކު ބައިވެރިވުން، އެއީ ރާއްޖެ ތަމްސީލް ކުރަން ދިވެހި ސަރުކާރުގެ ބައިވެރިވުމެއް އޮތްކަމެއް ނޫން ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިންގެ ދީނާއި އަގީދާއާއި ސަގާފަތާއި ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމަކީ އަދި އެކިއެކި ފަރާތްތަކުން އެފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ، ދިވެހި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫންކަމަށާއި އެ ފަދަ ކަންކަމަކީ ދިވެހިން ގަބޫލުކުރާ އާންމު އަހުލާގީ މިންގަނޑުތަކާއި އުސޫލުތަކާއި ހިލާފު ކަންކަމަށްވާއިރު، ރާއްޖެ ތަމްސީލް ކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތަކަށް ދިޔުން، ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ. އަދި އެކަން ހުއްޓާލުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.
ރާއްޖެ ތަމްސީލް ކުރުމުގެ ނަމުގައި އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ ސަރުކާރުން ކުރާނޭ ކަމަކަށް ނުވާއިރު އެއީ ސަރުކާރުން ކުރައްވާ ކަމެއްކަން ދޭހަވާގޮތަށް މައުލޫމާތު ނުފެތުރުމަށާއި އެފަދަ ކަންކަމުގައި ދިވެހިން ބައިވެރިނުވުމަށް އެންމެހާ ރައްޔިތުންނަށް ގޮވާލާ ކަމުގައި ބަޔާނުގައިވެއެވެ.
މި މަހު 14 އިން 16 އަށް މެކްސިކޯގައި އޮންނަ މިސް ޔުނިވާސް މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ 21 އަހަރުގެ މޮޑެލް، މަރިޔަމް ޝައިނާ ނަސީމެވެ. މިއީ މި މުބާރާތުގައި ރާއްޖޭގެ ފަރާތަކުން ބައިވެރިވާ ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!