އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ބަލިވިއިރު އާސެނަލްއާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

ވެސްޓްހޭމްގެ ދަނޑުގައި ކުޅުނު މި މެޗުން ޔުނައިޓެޑްގެ މައްޗަށް ވެސްޓްހޭމުން ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ.

Ad
rt

ލީގުގައި ދަށް ނަތީޖާތަކެއް ނެރެމުންދިޔަ ވެސްޓްހޭމްއިން ޔުނައިޓެޑްއާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީވެސް އެ ޓީމުންނެވެ. ފުރަތަމަ ލަނޑު 74 ވަނަ މިނެޓުގައި ވެސްޓްހޭމްއަށް ޖަހައިދިނީ ސަމާވިލްއެވެ. އޭގެ ހަމިނެޓް ފަހުން ކަސެމީރޯ ޖަހައިދިން ލަނޑުން ޔުނައިޓެޑް ނަތީޖާ ހަމަހަމަ ކުރިއެވެ.

މެޗުން ވެސްޓްހޭމް މޮޅުވީ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ލިބުނު ޕެނަލްޓީން ބޮވެން ޖަހައިދިން ލަނޑުންނެވެ. މި ޕެނަލްޓީ ވެސްޓްހޭމްއަށް ލިބިފައިވަނީ ޔުނައިޓެޑްގެ އޭރިއާތެރެއިން ޑިލީޓް ކުރި ފައިލަކާއި ގުޅިގެންނެވެ. ފުރަތަމަ ޕެނަލްޓީއެއް ނޫން ކަމަށް ނިންމި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ވަނީ އެއީ ޕެނަލްޓީއެއް ކަމަށް ނިންމާފައެވެ.

ރޭ އަމިއްލަ ދަނޑުގައި އާސެނަލުން ވަނީ ލިވަޕޫލާއި އެއްވަރުވެފައެވެ. ދެފަހަރަށް އާސެނަލުން ލީޑު ނެގިނަމަވެސް ލިވަޕޫލުން ވަނީ ފަހަތުން އަރާ އެއްވަރު ކޮށްފައެވެ. މެޗު ނިމުނީ 2-2 ގެ ނަތީޖާއިންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ނުވަވަނަ މިނެޓުގައި އާސެނަލްއަށް ޖަހައިދިނީ ސަކާއެވެ. އޭގެ ނުވަމިނެޓް ފަހުން ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑިފެންޑަރ ވެންޑައިކްއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެވަނަ ފަހަރަށް އާސެނަލްއަށް ލީޑު ހޯދައިދިނީ މެރީނޯއެވެ. ލިވަޕޫލަށް ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދިނީ ސަލާހްއެވެ.

ރޭ އަމިއްލަ ދަނޑުގައި ޗެލްސީން ވަނީ 2-1 ގެ ނަތީޖާއިން ނިއުކާސަލް ބަލިކޮށްފައެވެ. ރޭ ޓޮޓެންހަމް ވަނީ 1-0 ގެ ނަތީޖާއިން ކްރިސްޓަލް ޕެލަސް އަތުން ބަލިވެފައެވެ.

ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ ނުވަ މެޗުން 23 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ނުވަ މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އާސެނަލަށް ވަނީ ނުވަ މެޗުން 18 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް އެސްޓަން ވިލާ އަށް ވެސް ނުވަ މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ޗެލްސީ އަށް ނުވަ މެޗުން ވަނީ 17 ޕޮއިންޓް ލިބިފަ އެވެ.