ސިފައިންގެ 2 މީހަކު 15 އަހަރުގެ އަންހެން ކުއްޖެއް ރޭޕްކުރިކަމަށް ރައްޔިތުންގެ މަޖިލިސްގެ ކޮމެޓީއެއްގައި މަޖިލިސް މެމްބަރަކު ދެއްކެވި ވާހަކަތައް އެންއެންޑީއެފްއިން ދޮގު ކޮށްފިއެވެ.
މަޖިލިސް މެމްބަރަކު މަޖިލިސްގެ ޖެންޑަރ އެންޑް ހިއުމަން ރައިޓްސް ކޮމެޓީގައި ދައްކާފައިވާ ވާހަކަ މީޑިއާތަކުން ރިޕޯރޓް ކުރިނަމަވެސް، އެފަދަ މަޢުލޫމާތެއް އެއްވެސް ފަރާތަކުން ޤައުމީ ދިފާއީ ބާރާ ހިއްސާކޮށްފައި ނުވާކަމަށް އެމުއައްސަސާއިން ހާމަކުރަށްވާފައިވެއެވެ.
މިއަދު ޤައުމީ ދިފާއީ ބާރުން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ އެވާހަކަ މަޖިލިސްގެ ކޮމެޓީގަައި ދެއްކެވި މެމްބަރާއި އަދި ފުލުހުންނާވެސް އެ މުއައްސަސާއިން ގުޅުމުން 15 ކުޑަ ކުއްޖަކު ރޭޕްކުރި ކަމެއް ނުވަތަ އެކަމެއް ކުރި މީހަކު، ބަޔަކު ބުނެދެވިފައި ނުވާކަމަށެވެ.
އެބަޔާނުގައި އިތުރަށް ބުނެފައިވަނީ ސިފައިންގެ މީހެއްގެ ފަރާތުން އެފަދަ ދަށުދަރަޖައިގެ ލާއިންސާނީ އަމަލެއް ހިންގާފައިވާ ކަމުގެ މަޢުލޫމާތު އެއްވެސް ފަރާތަކުން ހިއްސާކޮށްފިނަމަ އެމައްސަލަ ވަގުތުން ބަލައި، ފިޔަވަޅު އަޅާނެކަމަށެވެ. އަދި ކުރިއަށް އޮތްތާގައިވެސް އެފަދައިން އަމަލުކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އެ މުއައްސަސާއިން ދީފައިވެއެވެ.
އެބަޔާނުގައި ވަނީ ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ މައުސޫމް ކުއްޖެއް ރޭޕްކޮށްފައިވާ މައްސަލަ ޤައުމީ ދިފާއީ ބާރުން ކުށްވެރިކޮށްފައެވެ.
އެލާއިންސާނީ އަމަލާމެދު ކަންބޮޑުވާކަމާއި، އެ އަނިޔާވެރި އަމަލު ހިންގި މީހުންނަށް ޙައްޤު އަދަބު ލިބުން އެދޭކަމަށް ޤައުމީ ދިފާއީ ބާރުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!