ހަމާސްގެ ލީޑަރު ސިންވާރުގެ މަރަށްފަހު ހަމަޖެހުމަކަށް މަގުފަހިކުރުމަށް އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ އެންޓަނީ ބްލިންކަން އިސްރާއީލަށް ވަޑައިގެންފިއެވެ.

ބްލިންކަން މެދުއިރުމަތީގެ ދަތުރެއް ފައްޓަވައި، އަންގާރަ ދުވަހު އިސްރާއީލަށް ވަޑައިގެންފައިވާއިރު، މި ދަތުރުގައި އޭނާ އިސްރާއީލާއި، ޖޯޑަން އަދި ދޯހާއަށް ވަޑައިގަންނަވާނެއެވެ.

Ad
rt

ހަމާސްގެ އިސް ލީޑަރު ޔަހްޔާ ސިންވާރު އަވަހާރަވުމަށްފަހު ކުރައްވާ މި ދަތުރުގެ މައިގަނޑު މަޤްސަދަކީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް މަސައްކަތްކުރުމާއި، ހަނގުރާމައަށްފަހު ޣައްޒާގެ މުސްތަޤުބަލާމެދު މަޝްވަރާކުރުމެވެ. މީގެ އިތުރުން އިންސާނީ އެހީގެ ކަންކަން ރަނގަޅުކުރުމަށްވެސް މަޝްވަރާކުރެވޭނެއެވެ.

ބްލިންކަންގެ މި ދަތުރަކީ އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަށްފަހު އޭނާ މި ސަރަހައްދަށް ކުރައްވާ 11 ވަނަ ދަތުރެވެ. މި ދަތުރު ކުރައްވަނީ އިސްރާއީލުން ޣައްޒާއާއި ލުބުނާންގެ ހިޒްބުﷲ މިލިޝިއާއަށް އަމާޒުކޮށް ހަމަލާތައް ހަރުދަނާކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ފާއިތުވި ހަފްތާގައި ބްލިންކަންއާއި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޯސްޓިން ވަނީ ޣައްޒާގެ ހާލަތު ގޯސްވަމުންދާތީ އެކަން ރަނގަޅުކުރުމަށް ވަކި ފިޔަވަޅުތަކެއް އެޅުމަށް އިސްރާއީލަށް އިންޒާރުދެއްވާފައެވެ. އެ ފިޔަވަޅުތައް ނޭޅިއްޖެނަމަ އެމެރިކާއިން އިސްރާއީލަށް ދޭ އަސްކަރީ އެހީތެރިކަމަށް ހުރަސްތަކެއް ކުރިމަތިވެދާނެކަމަށް އެ އިންޒާރުގައި ބުނެފައިވެއެވެ.