މެޓާގެ މޫނު ދެނެގަތުމުގެ ނުވަތަ ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ އަލުން ތަޢާރަފުކުރަން ނިންމައިފިއެވެ.

މެޓާ (ކުރީގެ ފޭސްބުކް) އިން އިޢުލާންކޮށްފައިވާ ގޮތުގައި، މަޝްހޫރު މީހުންގެ ފޮޓޯ ބޭނުންކޮށްގެން ކުރާ މަކަރުވެރި އިޝްތިހާރުތައް ހުއްޓުވުމަށް، މީގެ 3 އަހަރު ކުރިން ހުއްޓާލި އެ ޓެކްނޮލޮޖީ އަލުން ތަޢާރަފުކުރަން މިހާރުވަނީ ނިންމައިފައެވެ.

Ad
rt

މި ޓެކްނޮލޮޖީގެ ޓެސްޓު މަރުޙަލާގައި 50،000 އާންމު ޝަޚްޞިއްޔަތުންގެ ފޭސްބުކް ޕްރޮފައިލް ފޮޓޯތައް، މަކަރުވެރި އިޝްތިހާރުތަކުގައި ބޭނުންކުރާ ފޮޓޯތަކާ އަޅާކިޔުމަށް ވަނީ ހަމަޖެހިފައެވެ. ފޮޓޯތައް ދިމާވާނަމަ އަދި އެއީ މަކަރުވެރި އިޝްތިހާރެއްކަމަށް މެޓާއަށް ޤަބޫލުކުރެވޭނަމަ، އެ އިޝްތިހާރުތައް ބްލޮކް ކުރެވޭނެއެވެ.

މި ޕްރޮގްރާމް ޑިސެމްބަރު މަހުން ފެށިގެން ދުނިޔޭގެ ގިނަ ޤައުމުތަކުގައި ތަންފީޒުކުރެވޭނެއެވެ. ނަމަވެސް އިނގިރޭސިވިލާތް، ޔޫރަޕިއަން ޔޫނިއަން، ދެކުނު ކޮރެއާ އަދި އެމެރިކާގެ ޓެކްސާސް އަދި އިލިނޮއިސް ފަދަ ގަވާއިދުގެ ހުއްދަ ނުލިބޭ ބައެއް ސަރަޙައްދުތަކުގައި މި ޚިދުމަތް ނުލިބޭނެއެވެ.

މެޓާގެ ކޮންޓެންޓް ޕޮލިސީ ވައިސް ޕްރެޒިޑެންޓް މޮނިކާ ބިކަރޓް ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް އެކަން އެންގޭނެއެވެ. އަދި ބޭނުންނުވާ ފަރާތްތަކަށް މި ޚިދުމަތުން ވަކިވުމުގެ ފުރުޞަތު ވެސް އޮންނާނެއެވެ.