މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ވެރިރަށް މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މި މަހުގެ 19 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން ތިން ގެއެއް ބަލައިފާސްކޮށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި އޮޕަރޭޝަނުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ،
- މުޙައްމަދު އައިޝަރު ޔޫސުފް (22އ)، ލ. ކަލައިދޫ / އެވަރގްރީން،
- މުޙައްމަދު މައިހާން ފަޔާޒް (19އ) ކާށިދޫ / އަންދަލީބުގެ،
- އިބްރާހީމް މާޖިދު (31އ)، އަދި ދ. ކުޑަހުވަދޫ / ރަނަކުރި،
''މި ތިން މީހުން ހައްޔަރުކޮށް، ތިން ގެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި 86000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވޭ، ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1142.04 ގްރާމް'' ފުލުހުން ބުނެފަވެއެވެ.
މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އައިޝަރު ޔޫސުފް 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާއިރު، މުޙައްމަދު މައިހާން ފަޔާޒާއި އިބްރާހީމް މާޖިދު ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާކަމަށް ފުލުހުން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!