ސްޕެނިޝް ލަލީގާގައި ރޭ ސެވިއްޔާ ބަލިކޮށް ބާސެލޯނާއިން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލީޑު ދަމަހައްޓައިފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ބާސާއިން ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއިން ސެވިއްޔާ ބަލިކޮށްފައެވެ.
މި މޮޅާއިއެކު ބާސާ އެއްވަނާގައި އޮތީ ދެވަނާގައި އޮތް ރެއާލަށް ވުރެ ތިން ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ބާސާއަށް 10 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު ރެއާލަށް 10 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ. ލީގުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާސާއާއި ރެއާލް މެޑްރިޑް ބައްދަލުކުރާއިރު މެޗު ކާމިޔާބު ކޮށްގެން ފަރަގު ހަ ޕޮއިންޓަށް އިތުރު ކުރުމުގެ ފުރުސަތު ބާސާއަށް އެބައޮތެވެ. އަދި މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓްގެ ގޮތުން ބާސާއާއި އެއްވަރު ކުރުމުގެ ފުރުސަތު ރެއާލަށް އެބައޮތެވެ.
ރޭ މެޗުގައި ބާސާއަށް ލަނޑުތައް ޖަހައިދިނީ ޕެޑްރީ އާއި ލެވަންޑޯސްކީގެ އިތުރުން ޕަބްލޯ ޓޯރޭސްއެވެ. ޕަބްލޯ ޓޯރޭސްއާއި ލެވަންޑޯސްކީ ވަނީ ދެ ގޯލު ޖަހާފައެވެ. ސެވިއްޔާގެ ހަމައެކަނި ލަނޑު ޖަހައިދިނީ މުޒަމްބޯއެވެ.
ލީގުގައި މިވަގުތު ލަނޑުޖެހުމުގެ އެންމެ ރަނގަޅު ރެކޯޑް ދަމަހައްޓަމުން އަންނަނީ ބާސާއިންނެވެ. އެ ޓީމުން އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވަނީ 13 ލަނޑު ޖަހާފައެވެ. ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުގައި ވަނީ 31 ލަނޑު ޖަހާފައެވެ. މިއީ 2012-13 ސީޒަނަށް ފަހު ފުރަތަމަ ދިހަ މެޗުގައި އެންމެ ގިނަ ލަނޑު ބާސާއިން ޖެހި ސީޒަނެވެ.
ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އަހަރެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުރުމަށް ފަހު ރޭ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ސްޕެއިންގެ ޒުވާން މިޑްފީލްޑަރ ގަވީ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!