އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް" (ޔޫޕީއައި) ރާއްޖެއަށް ތައާރަފްކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފްކުރަން ކުރަންޖެހޭ ކަންކަން ކުރިއަށްގެންދިއުމަށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ވަޒީރުންގެ ލަފާފުޅާއެކު ރައީސް މުޢިއްޒު ވަނީ ނިންމަވާފައެވެ.

Ad
rt

މިކަން ކުރިއަށް ގެންދިޔުމަށްޓަކައި ކޮންސޯޓިއަމްއެއް ގާއިމުކުރަށްވައި، މި ކޮންސޯޓިއަމްގައި ރާއްޖޭގެ ބޭންކުތަކާއި، ޓެލެކޮމް ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތައް އަދި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ފިންޓެކް ކުންފުނިތައް ހިމެނުމަށް ރައީސް ކަނޑައަޅުއްވާފައިވާކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

މި ކޮންސޯޓިއަމް ލީޑް ކުރާނެ ރާއްޖޭގެ އޭޖެންސީއެއްގެ ގޮތުގައި ރައީސް ހަމަޖައްސަވާފައި ވަނީ، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑެވެ.

ޔޫޕީއައި ގާއިމުކުރުމުގެ މަސައްކަތް ވިލަރެސްކުރުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ލީޑް ކުރާގޮތަށް، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިމެނޭ އިންޓަރ އޭޖެންސީ ކޯޑިނޭޝަން ޓީމެއް އެކުލަވައިލުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.

ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫޕީއައި) އަކީ ބޭނުންކުރާ ފަރާތްތަކަށް ފައިސާ ފޮނުވައި އަދި ލިބިގަތުމަށާއި، ވިޔަފާރިތަކަށް ފައިސާ ދެއްކުމަށް ވަގުތުން ބޭނުންކުރެވޭ ޑިޖިޓަލް ފައިސާ ދެއްކުމުގެ ނިޒާމެކެވެ. މި ނިޒާމުން ގިނަ ބޭންކު އެކައުންޓްތަކެއް އެއް މޯބައިލް އެޕްލިކޭޝަނަކަށް (ބައިވެރިވާ ކޮންމެ ބޭންކެއްގެ) ވަނީ ގުޅުވައިދީފައެވެ. މިއީ ގިނަ ބޭންކިންގ ޚިދުމަތްތަކަކާއި، ފަސޭހައިން ފައިސާ ފޮނުވުމާއި އަދި ވިޔަފާރިތަކަށް ފައިސާ ދެއްކުން އެއް ތަނަކުން ކުރެވޭގޮތަށް ހަދާފައިވާ ނިޒާމެކެވެ.

ޔޫޕީއައި ވަނީ ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އިން ތަރައްޤީކޮށްފައެވެ. އަދި މި ނިޒާމު ބަލަހައްޓައި ރެގިއުލޭޓްކުރަނީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިންނެވެ.