ތައިލެންޑުގެ ބެންކޮކުން ރާއްޖެ އައި ދިވެއްސެއްގެ އަތުން 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.

ކަސްޓަމްސް އިން މަޢުލޫމާތު ދެއްވި ގޮތުގައި، މިތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް އައި 33 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުންކަމަށެވެ.

Ad
rt

މި ފަސިންޖަރުގެ ފޮށިތައް އިތުރަށް ބަލައި ފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނުނެވެ. އިބްތިދާއީ ތަޙުލީލުތަކުން ދައްކާ ގޮތުގައި މިއީ މެފެޑްރޯން (Mephedrone) ގެ ބާވަތެއްގެ މަސްތުވާތަކެއްޗެވެ.

ފެނުނު މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނަކީ 1.86 ކިލޯއެވެ. ކަސްޓަމްސްއިން އަންދާޒާކުރާ ގޮތުގައި މި މަސްތުވާތަކެތީގެ މަގުމަތީ އަގަކީ 3 މިލިއަން 348 ހާސް ރުފިޔާއެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރުމަށްޓަކައި، އަތުލެވުނު މަސްތުވާތަކެއްޗާއި ޝައްކުކުރެވޭ ފަރާތް ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލުކުރެވިފައެވެ.