ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ސެލްޓަވީގޯ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކުރިއިރު އެ ޓީމްގެ ކެޕްޓަން ލުކާ މޮޑްރިޗަށް ހާއްސަ ޝަރަފެއް ލިބިއްޖެއެވެ. ރޭ ރަށުން ބޭރުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއިންނެވެ.

ރޭ މެޗާއިއެކު މޮޑްރިޗް ވެފައިވަނީ ރެއާލަށް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ. އޭނާ ރޭ މެޗު ކުޅުނުއިރު އުމުރަކީ 39 އަހަރާއި 40 ދުވަހެވެ. ކުރިން މި ރެކޯޑް އޮތީ ރެއާލްގެ ލެޖެންޑް ޕުސްކަސް އަތުގައެވެ. ޕުސްކަސް ވަނީ 1966 ވަނަ އަހަރު އޭނާގެ އުމުރުން 39 އަހަރާއި 44 ދުވަހުގައި ރެއާލަށް މެޗެއް ކުޅެފައެވެ.

Ad
rt

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ރެއާލުންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ސެލްޓަގެ ޑިފެންސް ތެރެއިން ހެދުނު ގޯހަކުން ލިބުނު ބޯޅަ އޭރިއާ ބޭރުގައި ހުރެ ގޯލުގެ މަތީކަނަށް ފޮނުވާލައިގެން މި ލަނޑު ޖަހައިދިނީ އެމްބާޕޭއެވެ.

ސެލްޓައިން ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓްގެ ތެރޭގައެވެ. މި ލަނޑު ޖަހައިދިނީ ވިލިއޮޓްއެވެ. އޭނާއަށް މި މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވެއެވެ.

ރެއާލުން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ 66 ވަނަ މިނެޓުގައި ވިނީސިއަސް ޖޫނިއާ ޖަހައިދިން ލަނޑުންނެވެ. މި ލަނޑުއޭނާ ޖަހާފައިވަނީ މޮޑްރިޗްގެ ހިތްގައިމު ޕާހަކުން ތަނަވަސްވީ ފުރުސަތެއްގައެވެ.

ރޭ މެޗުން މޮޅުވެ އިތުރަށް އެއް މެޗު ކުޅެގެން ރެއާލުން ވަނީ އެއްވަނާގައި އޮތް ބާސާއާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފައެވެ. ރެއާލަށާއި ބާސާއަށް ލިބިފައިވަނީ 24 ޕޮއިންޓެވެ. މިރޭ ބާސާ ނުކުންނާނީ ސެވިއްޔާއާއި ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން ބާސާއަށް ތިން ޕޮއިންޓްގެ ލީޑެއް ލިބޭނެއެވެ.

މިއީ ރެއާލުން ލީގުގައި ބަލިނުވެ ކުޅުނު 42 ވަނަ މެޗެވެ. ލަލީގާގައި އެންމެ ގިނަ މެޗު ބަލިނުވެ ކުޅުފައިވަނީ ބާސެލޯނާއިންނެވެ. އެ ޓީމުން ވަނީ 43 މެޗު ކުޅެފައެވެ. ބާސާގެ ރެކޯޑާއި އަރާ ހަމަކުރަން ލީގުގައި ދެން ރެއާލުން ވާދަކުރަން ޖެހޭނީ ވެސް ބާސާއާއެވެ. އެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 0000 ގައި ރެއާލުގެ ދަނޑުގައެވެ.