ރާއްޖޭގައި ވޭޕްކުރުން މަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހު ނިންމަވާފައި ނިންމެވުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން މަރުޙަބާ ކިޔައިފިއެވެ.

ރައީސްގެ ނަންމެވުމަށް މަރުޙަބާ ކިޔައި ރައީސްގެ މި ނިންމެވުމަކީ ޚާއްޞަކޮށް ޅަފުރައިގެ ކުދިންގެ މެދުގައި، ވޭޕްކުރުން އިތުރުވަމުންދާ ކަންބޮޑުވާންޖެހޭ މިންވަރު ހުއްޓުވުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

Ad
rt

2019ވަނަ އަހަރުގެ ގްލޯބަލް ޔޫތު ޓޮބެކޯ ސަރވޭއިން ދައްކާގޮތުގައި ދިވެހިރާއްޖޭގައި 13 އަހަރާއި 15އަހަރާ ދެމެދުގެ 23.1 އިންސައްތަ ފިރިހެން ކުދިންނާއި 10.7 އިންސައްތަ އަންހެން ކުދިން އީ-ސިނގިރޭޓު ބޭނުންކުރާ ކަމަށް އެޖަމިއްޔާއިން ފާހަގަކޮށްފަވެއެވެ.

އުފެދެމުންދާ ނިކޮޓިން އަދި ދުންފަތުގެ އުފެއްދުންތައް ބޭނުންކުރުން އިތުރުވަމުންދާކަމީ، ޚާއްޞަކޮށް ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ ދެކުނު އޭޝިއާ ސަރަޙައްދުގެ ޒުވާނުންގެ މެދުގައި، ވަކިން ޚާއްޞަކޮށް ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ސިއްހަތު ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

ދުންފަތުގެ އިސްތިޢުމޢުމާލުކުރުމުގެ ހުރިހާ ބާވަތެއްވެސް ގެއްލުން ބޮޑު އަދި ނުރައްކާތެރި ބައްޔަކަށް މަގުފަހިކުރާ ކަމެއްކަން ފާހަގަކޮށް، މީގެ ތެރޭގައި ކެންސަރު، ހިތުގެ ބަލިތައް، ފުއްޕާމޭގެ ދިގު މުއްދަތުގެ ބަލިތައް އަދި ހަކުރު ބަލި ހިމެނޭކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ނިންމަވައި އެކަން ތަންފީޒުކުރުމަށް 14 އޮކްޓޯބަރު 2024 ވަނަ ދުވަހު ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ.