ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ އެކެއްގައި ރޭ ޕޯޗުގަލްއާއި އެއްވަރުކޮށް ސްކޮޓްލެންޑުން ފުރަތަމަ ޕޮއިންޓް ހޯދައިފިއެވެ. ރޭ ސްކޮޓްލެންޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ.

މި ގްރޫޕްގައި ކޮންމެ ޓީމެއް މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު، ސްކޮޓްލެންޑަށް ހަތަރު މެޗުން ލިބިފައިވަނީ ރޭ މެޗުން ލިބުނު އެއް ޕޮއިންޓެވެ. އެ ޓީމް އޮތީ ގްރޫޕްގެ ފުލުގައެވެ.

Ad
rt

މި ގްރޫޕްގައި ރޭ ޕޮލެންޑާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. ގްރޫޕްގެ އެއްވަނާގައި ޕޯޗުގަލް އޮތީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި ހަތް ޕޮއިންޓާއިއެކު ކްރޮއޭޝިއާއ އޮތްއިރު ތިންވަނާގައި އޮތް ޕޮލެންޑަށް ހަތަރު މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ.

ޕޯޗުގަލުން މުޅި މެޗު ޑޮމިނޭޓް ކުރި ނަމަވެސް ސްކޮޓްލެންޑްގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ސްކޮޓްލެންޑަށް ލަނޑެއްޖަހައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެކްޓޮމިނޭއަށެވެ. އޭނާ ބޮލުން ފޮނުވާލި ބޯޅަ ގޯލާއި އަމާޒުނުވެ ދިޔައިރު، ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭޒްއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ވެސް ނުހިފުނެވެ.

ރޭ މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅުނު ރޮނާލްޑޯއަށް ވެސް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. މިއީ ރޮނާލްޑޯ ޕޯޗުގަލް ގައުމީ ޓީމުގެ ފުރަތަމަ އެގާރާގައި ހިމެނުގެން ކުޅުނު 200 ވަނަ މެޗެވެ. ރޮނާލްޑޯ ޕޯޗުގަލްގެ ފުރަތަމަ އެގާރާގައި ހިމެނިގެން ފުރަތަމަ މެޗެއް ކުޅުނީ 2003 ވަނަ އަހަރުގެ އޮކްޓޯބަރ މަހުއެވެ. އެއީ އަލްބޭނިއާ އާއި ދެކޮޅަށެވެ.