ރަޝިޔާ އާއި ޗައިނާގެ މެދުގައި ހުރި ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ މެދުގައި ހުރި ސަލާމަތީ އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވެއްޖެއެވެ. މިކަން ހާމަކުރެއްވީ ރަޝިޔާގެ ދިފާއީ ވަޒީރު އެންޑްރޭ ބެލޯސޮވްއެވެ.
އަންގާރަ ދުވަހު ބީޖިންގގައި ބޭއްވުނު ބައްދަލުވުމެއްގައި ޗައިނާގެ ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ނައިބު ރައީސް ޒަންގ ޔޫޝިއާ އާއެކު ވާހަކަދައްކަވަމުން ބެލޯސޮވް ވިދާޅުވީ ދުނިޔަވީ ކަންކަމާ މެދު ދެ ގައުމުގެ ވިސްނުން އެއްގޮތްކަމަށެވެ.
ބެލޯސޮވް ބީޖިންގއަށް ވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައި ހޯމަ ދުވަހުއެވެ. ޗައިނާގެ އެޑްމިރަލް ޑޮންގ ޖުން އާއެކު ބޭއްވި ބައްދަލުވުމުގައި ބެލޯސޮވް ވިދާޅުވީ ރަޝިޔާ އާއި ޗައިނާގެ މެދުގައި ހުރި އަސްކަރީ ގުޅުމަކީ ދުނިޔެ އަދި ސަރަހައްދީ ސުލްހަ އަދި ހަމަޖެހުން ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމުގައެވެ.
"އިއްޔެ އަޅުގަނޑުމެން ވަރަށް މުހިންމު މަޝްވަރާތަކެއް ކުރީމު ޗައިނާގެ ދިފާއީ ވަޒީރާ އެކުގައި. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އަޅުގަނޑުމެންގެ ވިސްނުން އެއްގޮތްކަން، އަދި ކުރިމަގުގައި އަޅުގަނޑުމެން ގުޅިގެން ކުރަންޖެހޭ ކަންކަމާ މެދު އެއް ވިސްނުމެއް ހުރިކަން،" ބެލޯސޮވް ވިދާޅުވިއެވެ.
ރަޝިޔާގެ ދިފާއީ ވަޒީރު އިތުރަށް ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަދި ރަޝިޔާގެ ރައީސް ވްލަދިމީރ ޕުޓިންގެ މަސައްކަތްޕުޅުން ދެ ގައުމުގެ މެދުގައި ވަރަށް ގާތް ގުޅުމެއް އަދި އިގްތިޞާދީ ބައިވެރިވުމެއް ޤާއިމުވެފައިވާ ކަމަށެވެ.
މިއަހަރަކީ ޗައިނާ އާއި ރަޝިޔާގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރި ތާ 75 އަހަރު ފުރޭ އަހަރުކަމަށާއި، އަންނަ އަހަރަކީ ދެ ގައުމުން ނާޒީ ވެރިކަމާ ދެކޮޅަށް ކުރި ހަނގުރާމައިގައި ކާމިޔާބު ހޯދި ތާ 80 އަހަރު ފުރޭ އަހަރުކަމަށްވެސް ބެލޯސޮވް ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!