އިންޑިއާގެ މައިގަނޑު އެއަރލައިންތަކުގެ 7 ފްލައިޓެއްގައި އަންގާރަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް ބޮން ގޮއްވާލާނެކަމުގެ އިންޒާރު ލިބުމާ ގުޅިގެން، ފްލައިޓްތައް އެހެން ވައިގެ ބަނދަރުތަކަށް ބަދަލުކުރުމާއި ދަތުރުތައް ލަސްވުން އިތުރުވެއްޖެއެވެ.

މި އިންޒާރު ލިބިފައިވަނީ ހޯމަ ދުވަހު މުންބާއީން ފުރި އިންޑިގޯގެ 2 ފްލައިޓަކާއި އެއަރ އިންޑިއާގެ އެއް ފްލައިޓަކަށް ދޮގު އިންޒާރެއް ލިބުނު ތާ އެއްދުވަސް ފަހުންނެވެ.

Ad
rt

އަންގާރަ ދުވަހު އިންޒާރު ލިބުނު ފްލައިޓްތަކުގެ ތެރޭގައި އެއަރ އިންޑިއާގެ ދިއްލީ-ޗިކާގޯ ފްލައިޓާއި، އިންޑިގޯގެ ދަންމާމް-ލަކްނައު ފްލައިޓާއި، އެއަރ އިންޑިއާ އެކްސްޕްރެސްގެ ޖައިޕޫރު-އަޔޯދިޔާ-ބެންގަލޫރު ފްލައިޓާއި މަދުރާސް-ސިންގަޕޫރު ފްލައިޓާއި، އަކާސާ އެއަރގެ ބަގްދޮގްރާ-ބެންގަލޫރު ފްލައިޓާއި، ސްޕައިސްޖެޓްގެ ދަރްބަންގާ-މުންބާއީ ފްލައިޓާއި، އަލަޔަންސް އެއަރގެ އަމްރިތްސަރު-ދެހްރާދޫން ފްލައިޓް ހިމެނެއެވެ.

މަޢުލޫމާތު ދޭ ފަރާތްތަކުން ބުނާ ގޮތުގައި، ގިނަ ހާލަތްތަކުގައި މި އިންޒާރުތަކަކީ ދޮގު އިންޒާރުތަކެއްކަން ވަނީ ސާބިތުވެފައެވެ. އަދި ސަލާމަތީ އޭޖެންސީތަކުން ފުރިހަމައަށް ޗެކުކުރުމަށްފަހު މަތިންދާބޯޓުތަކާއި ފަސިންޖަރުން ދޫކޮށްލާފައިވެއެވެ. ނަމަވެސް، ބައެއް ފްލައިޓްތައް އެހެން ވައިގެ ބަނދަރުތަކަށް ބަދަލުކުރެވުނު ކަމަށާއި، އެފަދަ ހާލަތްތަކުގައި، ސަލާމަތީ ޗެކުކުރުންތައް ކުރިއަށްދިޔަކަމަށް ބުނެފައިވެއެވެ.

މަޢުލޫމާތު ދޭ ފަރާތްތަކުން ބުނާ ގޮތުގައި، މި އިންޒާރުތައް ދިން ފަރާތް ނުވަތަ ގްރޫޕް ދެނެގަތުމަށް ސަލާމަތީ އޭޖެންސީތަކުން ތަޙުޤީޤު ކުރަމުންދެއެވެ. މި އިންޒާރުތައް ދިނުމަށް ބޭނުންކުރި ސޯޝަލް މީޑިއާ އެކައުންޓަކީ ފަހުން ހަދާފައިވާ އެކައުންޓެއްކަމަށާއި، އެއަރލައިންތަކަށް ބޮން ގޮއްވާލުމުގެ އިންޒާރު ދިނުމަށް ޚާއްޞަކޮށް ހަދާފައިވާ އެކައުންޓެއްކަމަށް ބެލެވޭކަމަށް އެއް އެއަރލައިނެއްގެ މަޞްދަރަކުން މަޢުލޫމާތު ދީފައިވެއެވެ.

ގިނަ ފަހަރަށް ބޮން ގޮއްވާލުމުގެ އިންޒާރުތަކަކީ ދޮގު އިންޒާރުތަކެއްކަމުގައި ވީނަމަވެސް، އެއަރލައިންތަކާއި ވައިގެ ދަތުރުފަތުރުގެ އޮތޯރިޓީތަކުން މިފަދަ އިންޒާރުތަކާމެދު ވަރަށް ސީރިއަސްކޮށް ޢަމަލުކުރެއެވެ.