ޓާކިޝް އެއަރލައިންސްގެ ޕައިލެޓެއް ސިއެޓްލްއިން އިސްތަންބޫލަށް ދަތުރުކުރަމުންދިޔަ ފްލައިޓެއްގައި ނިޔާވެއްޖެކަމަށް އެ އެއަރލައިންއިން ހާމަކޮށްފިއެވެ.
59 އަހަރުގެ ކެޕްޓަން އިލްޗެހިން ޕެހްލިވަން ދަތުރުމަތީގައި ހޭނެތި، ނިއުޔޯކަށް އިމަޖެންސީ ލޭންޑިންގއެއް ކުރުމުގެ ކުރިން ނިޔާވެފައިވާ ކަމަށް ޓާކިޝް އެއަރލައިންސްގެ ތަރުޖަމާނެއް ބުދަ ދުވަހުގެ ހެނދުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އެ އެއަރލައިންގެ ތަރުޖަމާން ޔަހްޔާ އުސްތުން އެކްސް ގައި ލިޔުއްވާފައިވަނީ، "މަތިންދާބޯޓުގައި ކެޕްޓަނަށް ދެވުނު ފުރަތަމަ މެޑިކަލް އެހީތެރިކަން ނަތީޖާ ނުނެރުމުން، އެއް ކެޕްޓަނަކާއި އެއް ކޯ-ޕައިލެޓަކުން އެކުލެވޭ ކޮކްޕިޓް ކްރޫ އިމަޖެންސީ ލޭންޑިންގއެއް ކުރަން ނިންމި ނަމަވެސް، ލޭންޑްކުރުމުގެ ކުރިން ކެޕްޓަން ނިޔާވެއްޖެ" ކަމަށެވެ.
ސިއެޓްލްއިން އިސްތަންބޫލަށް ދަތުރުކުރަން ހަމަޖެހިފައިވާ 12 ގަޑިއިރުގެ ދަތުރު ކޯ-ޕައިލެޓްގެ ނިންމުމަކުން ނިއުޔޯކަށް ބަދަލުކުރެވުނެވެ. އަދި މަގު ބަދަލުކުރުމާ ގުޅިގެން ފަސިންޖަރުންގެ ދަތުރު އެެތަނުން އިސްތަންބޫލަށް އަލުން ތާވަލުކުރެވުނު ކަމަށް އެއަރލައިންއިން ބުނެފައިވެއެވެ.
"ޓާކިޝް އެއަރލައިންސްގެ އާއިލާގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ ކެޕްޓަނަށް ﷲގެ ރަޙުމަތް ލެއްވުން އެދި ދުޢާކުރަމެވެ. އަދި އޭނާގެ ހިތާމަވެރި އާއިލާއަށާއި، އެންމެހާ އެކުވެރިންނަށާއި ލޯބިވާ މީހުންނަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ،" އެ ބަޔާނުގައި ވެއެވެ.
ޕެހްލިވަން ވަނީ 2007 އިން ފެށިގެން ޓާކިޝް އެއަރލައިންސްގައި މަސައްކަތްކުރައްވާފައެވެ.
އޭނާގެ އެންމެ ފަހުގެ ސިއްޙީ ޗެކަޕް ހެދީ މާރިޗު 8 ގައި ކަމަށާއި، އޭނާގެ މަސައްކަތަށް އަސަރުކުރާފަދަ އެއްވެސް ސިއްޙީ މައްސަލައެއް ހުރިކަމުގެ އަލާމާތެއް ފެނިފައިނުވާ ކަމަށް އެއަރލައިންއިން ބުނެފައިވެއެވެ.
ފްލައިޓް ޓްރެކިންގ ޑޭޓާ ކުންފުނި ފްލައިޓްއެވެއަރއިން ޝާއިޢުކޮށްފައިވާ މެޕެއްގައި ދައްކާގޮތުން، މަގު ބަދަލުކުރލުކުރެވުނު ފްލައިޓް ވަނީ އުތުރު ކެނެޑާގެ މައްޗަށް ދަތުރުކުރުމަށްފަހު، އެނބުރި ދެކުނަށް ހުރަސްކޮށް ނިއުޔޯކާ ދިމާއަށް ދަތުރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!