ނިމުނު އެމްޑީޕީގެ ސަރުކާރުގައި 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ އިންޓްރެސްޓަށް ވާ ފައިސާގެ ގޮތުގައި 25 މިލިއަން ޑޮލަރު މި ސަރުކާރުން ދައްކައިފި އެވެ.
ދިވެހި ސަރުކާރުން ވަނީ 2021 ވަނަ އަހަރު އިންޓަރނޭޝަނަލް ޑެޓް ކެޕިޓަލް މާކެޓުގައި 2026 ވަނަ އަހަރު މެޗުއާވާގޮތަށް 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކެއް ދޫކޮށްފައެވެ.
މާލީ ވުޒާރާއިން މިއަދު ބުނީ، ސުކޫކަށް އިންވެސްޓް ކުރި ފަރާތްތަކަށް އެ ފައިސާ މިއަދު ދައްކާފައިވާ ކަމަށެވެ. މި ފައިސާ ދައްކާފައި ވަނީ ދައުލަތަށް ލިބުނު އާމްދަނީން ކަަމަށް ވެސް އެ ވުޒާރާއިން ބުނެފަވެއެވެ.
ސުކޫކުގެ ދަށުން ކޮންމެ އަހަރަކު ދެ ކޫޕަން ޕޭމެންޓު އިންވެސްޓަރުންނަށް ސަރުކާރުން ދައްކަމުން އަންނައިރު، އަންނަ އަހަރު ވެސް ކޫޕަން ޕޭމަންޓުގެ ގޮތުގައި 50 މިލިއަން ޑޮލަރު ދައްކާނެއެވެ.
މި ކޫޕަން ޕޭމެންޓުތައް އޭޕްރީލް އާއި އޮކްޓޫބަރުގައި ދައްކަންޖެހޭއިރު، މި އަހަރު ކޫޕަން ޕޭމެންޓުގެ ގޮތުގައި 50 މިލިއަން ޑޮލަރު ވަނީ ދައްކާފައެވެ. ސުކޫކުގެ ކޫޕަން ފައިސާއާއެކު ދައްކަމުން ދިޔުމަކީ ރާއްޖެއާމެދު އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓޭނެކަމެއްކަމަށް މާލީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
ސުކޫކު ކޫޕަންގެ ބާކީ 74.1 މިލިޔަން އެމެރިކާ ޑޮލަރުގެ ތެރެއިން އަންނަ އަހަރު 49.4 އެމެރިކާ ޑޮލަރު ދައްކަންޖެހޭއިރު ފަހު ޕޭމަންޓު 2026 ވަނަ އަހަރުގެ އޭޕްރިލް މަހު ދައްކާ ހަމަކުރަންޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!