ލުބުނާނާއި ޣައްޒާގައި ހިނގަމުންދާ އިސްރާއީލުގެ އަނިޔާވެރި ޢަމަލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ސީރިއާގެ ވެރިރަށް ދިމިޝްޤަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި އިރާނާއި ސީރިއާގެ ގުޅުން ބަދަހިކުރުމަށްވެސް މަސައްކަތްކުރައްވާނެ ކަމަށް ބެލެވެއެވެ.

އަރަޣްޗީ ސީރިއާއަށް ވަޑައިގަތުމުގެ ކުރިން ބައިރޫތުގައި މުހިންމު މަޝްވަރާތަކެއް ކުރެއްވިއެވެ. އެގޮތުން ސަރަޙައްދުގައި އިތުރުވަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

Ad
rt

މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ޣައްޒާއާއި ލުބުނާނުގައި ހަނގުރާމަ ހުއްޓުވުން ކަމަށް އަރަޣްޗީ ވިދާޅުވިއެވެ. މިކަމަށްޓަކައި އެކި ހުށަހެޅުންތައް ބަލައި ދިރާސާކުރަމުންދާ ކަމަށް އޭނާ ހާމަކުރެއްވިއެވެ. "ޒައިއޮނިސްޓު އޮކިއުޕޭޝަން ސަރުކާރަށް ހަނގުރާމައާއި ބާރުގެ ބަހުރުވަ ނޫން އެހެން އެއްވެސް ބަހުރުވައެއް ނޭނގޭ" ކަމަށް އަރަޣްޗީ ވިދާޅުވިއެވެ. އަދި މި ސަރަޙައްދުގައި ހިނގަމުންދާ އަނިޔާވެރިކަން ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަމަށް އޭނާ ގޮވާލެއްވިއެވެ.

ސީރިއާގެ ޚާރިޖީ ވަޒީރު ބައްސާމް ސައްބާޣްއާ އެކު ބޭއްވޭ ބައްދަލުވުންތަކުގައި އިސްލާމީ އަދި ޢަރަބި ޤައުމުތައް އެއްބައިވެ އިސްރާއީލުގެ ޖަރީމާތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާނެ ކަމަށް ބެލެވެއެވެ. މިފަދަ ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިރާނުގެ އިންސާނީ އެހީގެ ގޮތުގައި ލުބުނާނަށް 10 ޓަނުގެ ކާބޯތަކެއްޗާއި ބޭސް ފޮނުވާނެ ކަމަށް އިރާނުގެ ޚާރިޖީ ވުޒާރާއިން އިޢުލާނުކޮށްފައިވެއެވެ.

"ލުބުނާނު ދިމާވެފައިވާ ނާޒުކު ޙާލަތާއި އެކަމުގެ ސަބަބުން ޤައުމުތަކުގެ މުސްތަޤްބަލަށް ކުރާނެ ނޭދެވޭ އަސަރު މުޅި ސަރަޙައްދުން ވިސްނަންޖެހޭ" ކަމަށް އަރަޣްޗީ ވިދާޅުވިއެވެ.