މަނާ ބޭހަކަށް ޕޮޒިޓިވްވެ ފުޓްބޯޅައިން ސަސްޕެންޑް ކޮށްފައި ހުރި ފްރާންސްގެ މިޑްފީލްޑަރ ޕައުލް ޕޮގްބާ (30) ގެ ސަސްޕެންޝަނުގެ މުއްދަތު ކުރުކޮށްދިނުމާއިއެކު އަންނަ އަހަރު ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭގޮތް ވެއްޖެއެވެ.
މަނާ ބޭހަކަށް ޕޮޒިޓިވް ވުމާއި ގުޅިގެން އޭނާ ފުރަތަމަ ސަސްޕެންޑް ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. އެއަށްފަހު އިތުރަށް ބެލުމަށް ހެދި ޓެސްޓްތަކުން ވެސް އޭނާ ވަނީ މަނާ ބޭހެއް ކަމަށްވާ ޓެސްޓޯސްޓެރޯން އަށް ޕޮޒިޓިވް ވެފައެވެ. ވުމާއިއެކު އޭނާ ހަތަރު އަހަރަށް ފުޓްބޯޅައިން ސަސްޕެންޑް ކޮށްފައި ވަނީ މި އަހަރުގެ މާޗު މަހުއެވެ.
ކުރިމަތިވި ސަސްޕެންޝަނާއި ގުޅިގެން ވާހަކަ ދައްކަމުން އޭރު އޭނާ ބުނީ އެނގިގެން މަނާ ބޭހެއް ބޭނުން ނުކުރަން ކަމަށާއި ޕޮޒިޓިވްވި ބޭހަކީ އަނިޔާއިން ސަލާމަތްވުމަށް މަސައްކަތް ކުރި ދުވަސްވަރު ޑޮކްޓަރު ދިން ބޭހެއް ކަމަށެވެ. އެއީ މަނާ ބޭހެއްކަން އޭރު ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.
މި މައްސަލަ ޕޮގްބާ ވަނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)ގައި ރަޖިސްޓްރީކޮށް ކުރިއަށް ގެންގޮސްފައެވެ. ކާސް އިން ނިންމާފައިވަނީ އޭނާގެ ހަތަރު އަހަރުގެ ސަސްޕެންޝަން 18 މަހަށް ކުޑަކޮށް ދިނުމަށެވެ. ވުމާއިއެކު އޭނާއަށް އަންނަ އަހަރުގެ މާޗް މަހު ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެއެވެ.
ޕޮގްބާގެ އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބަކީ 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފްރާންސް ޓީމާއިއެކު ހޯދުމެވެ. މަނާ ބޭހަށް ޕޮޒިޓިވްވެ ސަސްޕެންޑް ކުރިއިރު އޭނާ ހުރީ ޔުވެންޓަސްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!