މެދުއިރުމަތީގައި އިސްރާއީލްގެ އަނިޔާވެރިކަން އިތުރުވަމުންދާތީ މަދަނީ ރައްޔިތުންގެ ހިމާޔަތަށް ރެޑް ކްރޮސްއިން ގޮވާލައިފިއެވެ.
ހުކުރު ދުވަހު އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އިން ވަނީ ސިވިލް ރައްޔިތުން ރައްކާތެރިކުރުމަށް އިސްކަންދިނުމަށާއި މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ހަމަލާދިނުމުން ދުރުހެލިވުމަށް ހަނގުރާމައިގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ގޮވާލައިފިއެވެ.
"ނުރައްކާތައް ވަރަށް ބޮޑު، އަނިޔާވެރިކަން އިތުރުވަމުން ދާނަމަ، މަދަނީ ރައްޔިތުންނަށް ލިބިދާނެ ގެއްލުން ވަޒަންނުކުރެވޭ ވަރަށް ބޮޑުވެގެންދާނެ." އައިސީއާރްސީގެ ސަރަޙައްދީ ޑިރެކްޓަރު ނިކޮލަސް ވޮން އާރކްސް ވިދާޅުވިއެވެ.
ޞިއްޙީ ޚިދުމަތްތަކާއި އަސާސީ ތަކެތި މަދުވެފައިވާތީ، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންފަދަ ނާޒުކު ގިންތިތަކުގެ މީހުންނަށް ނުރައްކާ އިތުރުވެފައިވާކަމަށް އައިސީއާރްސީއިން ފާހަގަކޮށްފައިވެއެވެ.
އެ ޖަމްޢިއްޔާއިން އިތުރަށް ބާރުއަޅާފައިވަނީ ޞިއްޙީ މަސައްކަތްތެރިންނާއި ޞިއްޙީ މަރުކަޒުތައް ރައްކާތެރިކުރުމުގެ މުހިންމުކަމަށެވެ. "އެމްބިއުލާންސްތަކާއި، ޞިއްޙީ މަރުކަޒުތަކާއި، ފުރަތަމަ އެހީތެރިންނަށް ރައްކާތެރިކަން ދޭންޖެހެއެވެ،" އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.
އަދި "ހަނގުރާމައިގައި ބައިވެރިވާ ފަރާތްތަކުން ސިވިލް ރައްޔިތުންގެ އަސާސީ ބޭނުންތައް ކަމުގައިވާ ފެނާއި، ކާނާއާއި އަދި ޞިއްޙީ ފަރުވާ ލިބޭކަން ކަށަވަރުކުރަންވާނެއެވެ. އަދި އިންސާނީ އެހީ ފޯރުކޮށްދޭ ހުރިހާ ޖަމްޢިއްޔާތަކަށް އެހީއާއި، އާލާތްތަކާއި އަދި މުވައްޒަފުން އަވަހަށް އަދި ހުރަހެއްނެެތި ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭންވާނެއެވެ،" އެ ޖަމްޢިއްޔާއިން އިތުރުކޮށްފައިވެއެވެ.
އައިސީއާރްސީއިން ބުނެފައިވަނީ އެ ސަރަޙައްދުގައި އެ ޖަމްޢިއްޔާގެ މަސައްކަތްތައް އިތުރުކުރަމުންދާ ކަމަށާއި، ނަމަވެސް ބޭނުންތަކުގެ މިންވަރު އިންތިހާއަށް ބޮޑުވެފައިވާއިރު، އިންސާނީ އެހީ ފޯރުކޮށްދޭ ޖަމްޢިއްޔާތަކަށް ކެރިކުޅަދާނަވެފައިވާ މިންވަރަށްވުރެ ބޮޑުވެގެން ހިނގައިދާނެކަމުގެ އިންޒާރު އެ ޖަމިއްޔާއިން ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!