ރައީސް ޑރ. މުހައްމަދު މުޢިއްޒު އަންނަ އާދީއްތަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރަށްވާ ދަތުރުފުޅެކެވެ.
މި އޮކްޓޫބަރުމަހުގެ 6 ން 10 ށް ރައީސް އިންޑިއާއަށް ކުރަށްވާ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސާއި، ބޮޑު ވަޒީރާއި، އަދި އެ ޤައުމު އިސް މަސްއޫލުވެރީންނާއި ބައްދަލު ކުރަށްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ބައްދަލުކުރެއްވުންތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ތިމާވެށްޓާ ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ "ކޮޕް-28" ގެ ހަވާސާގައި، 2023 ވަނަ އަހަރު ޑިސެމްބަރުމަހު އިންޑިއާގެ ބޮޑު ވަޒީރާ ބައްދަލުކުރައްވައިފައެވެ.
މިއަހަރު ޖޫން މަހު 9 ވަނަ ދުވަހު، އިންޑިއާގެ ބޮޑު ވަޒީރާއި އައު ސަރުކާރުގެ ވަޒީރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!