ހުޅުމާލޭގައި ޕާކިން 15 ޕާކިން ބިލްޑިން އަޅަން، ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު މުހައްމަދު އަމީނެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ.

Ad
rt

މި އެއްބަސްވުމުގައިވާގޮތުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މި ބިލްޑިން ތަކުގެ މަސައްކަތް ނިންމަންޖެހެއެވެ.

މި ޕާކިން ބިލްޑިންތަކުގައި ޖުމްލަ 3،920 ކާރު ސްލޮޓު އަދި 3،426 ސައިކަލު ޕާކްކުރާނެ ޖާގަ ހުންނާނެއެވެ.

މި ސްލޮޓްތަކުގެ ތެރެއިން 90 ޕަސެންޓް ޖާގަ ބީލަމުގެ އުސޫލުން ދޫކުރަން ނިންމާފައިވާއިރު، ބާކީ 10 ޕަސެންޓް ދޫކުރަން ނިންމާފައި ވަނީ ޕާކިން ބިލްޑިންތަކުގެ ގްރައުންޑް އަދި އެންމެ މަތީ ފްލޯގައި ހަދާ ކެފޭ/ ރެސްޓޯރެންޓު އަދި ކުޅިވަރު ހޯލުތަކަށް ދާ މީހުންނަށެވެ.

މިކަމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ދެއްކެވި ވާހަކާގައި ވަނީ އާ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަގުތައް އޮތީ ބޮއްސުންލައިގެން ގޮސްފައި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ހަރުދަނާ ބަދަލުތަކާ އެކު ވަރަށް ބޮޑެތި ހައްލުތަކެއް އައިސްފައިވާ ކަމަށާއި އެ ޕާކިން ބިލްޑިންތަކާ އެކު ބޮޑު ހައްލެއް އަންނާނެ ކަމަށް އަމީން ވަނީ ވިދާޅުވެފައެެވެ.