ކިންގްސް ކެޕިޓަލް ކުންފުނިން އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، މީހުންގެ އަތުން ފައިސާ އަތުލުމަށްފަހު ފައިސާ އަނބުރާ ނުދިން މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮއިންގެ މައްޗަށް ކުރާ ދައުވާތަކުގެ މައްސަލަ ރިވިއުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދެފި އެވެ.

ކިންގްސް ކެޕިޓަލްސްއިން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ހިންގި ސްކީމްގެ މައްސަލާގައި އަލްހާންގެ އިތުރުން ދައުލަތުން ދައުވާ ކުރަނީ އޭނާގެ ކޮއްކޮ ޝަޒްބާން ފަހުމީ އާއި ޝަހުބާން ފަހުމީގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް ދައުލަތުން ކުރެ އެވެ.

Ad
rt

އެ މައްސަލާގެ މިއަދުގެ އަޑުއެހުމުގައި އަލްހާނާއި އޭނާގެ ދެ ކޮއްކޮއިން ދިފާއީ ވަކީލް ވިދާޅުވީ ޖިނާއީ ދައުވާތައް ރިވިއުކުރަން އެދުމުގެ ފުރުސަތު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުޅުވާލާފައިވާތީ އެ މައްސަލަ ރިވިއުކުރަން ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

އެކަމާ މެދު ގޮތެއް ނިމެންދެން ޝަރީއަތް މަޑުޖައްސާލަން ވަކީލް އެދިވަޑައިގަތެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދައުވާ އަނބުރާ ނުގެންދަހާ ހިނދަކު އެ ޝަރީއަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ގާޒީ ވިދާޅުވީ އެ މައްސަލާގެ ދިފާއީ ވަކީލެއްގެ ގޮތުގައި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ފޯމު ހުށަހަޅުއްވާފައިވާ ކަމަށާއި އޭނާގެ ސޮއި ފޯމުގައި ނެތުމުން ވަކީލެއްގެ ގޮތުގައި އައްޔަން ނުކުރެވޭ ކަމަށެވެ.

ނަމަވެސް އަލުން ފޯމު ހުށަހެޅުމުން ވަކީލެއްގެ ގޮތުގައި ބައިވެރިވެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އާޒިމާ ނެތީސް، މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ދައުވާލިބޭ މީހުން ބުނުމުން، ގާޒީ ވަނީ އަޑުއެހުން އަންނަ އާދިއްތަ ދުވަހަށް ފަސްކުރަން ނިންމަވައިފަ އެވެ. އެ ދުވަހު ދައުވާ އަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލާގައި ކިންގްސް ކުންފުނީގެ އެކައުންޓްތައް ބޭންކުން ހިފެހެއްޓި އެވެ. ނަމަވެސް ސިވިލް ކޯޓުން ފަހުން ހުކުމް ކޮށްފައިވަނީ ބޭންކުން ކިންގްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށެވެ.