ގޫގުލްއިން ޖީމެއިލްގެ ސަމަރީ ކާޑުތަކަށް އިތުރު ފީޗަރތަކެއް ތަޢާރަފުކުރާނެ ކަމަށް އިޢުލާނުކޮށްފިއެވެ. މި ބަދަލުތަކުގެ ތެރެއިން ބައެއް ބަދަލުތައް މިއަދުން ފެށިގެން ތަޢާރަފުކުރަން ފަށާނެއެވެ.
އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަދާ މި ސަމަރީ ކާޑުތަކުގައި މީގެ ކުރިން ހިމެނެނީ އަންނަ ޕެކޭޖުތަކުގެ މަޢުލޫމާތެވެ. ނަމަވެސް މިހާރު އޭގެ އިތުރުން ގަތް ތަކެތީގެ މަޢުލޫމާތާއި، އިވެންޓުތަކުގެ މަޢުލޫމާތާއި، ބިލުތަކުގެ މަޢުލޫމާތާއި އަދި ދަތުރުފަތުރުގެ މަޢުލޫމާތުވެސް ހިމެނޭނެއެވެ.
މީގެ އިތުރުން، "ހެޕެނިންގ ސޫން" ގެ ނަމުގައި އައު ބައެއް، އިންބޮކްސްގެ މަތީގައި ދައްކާނެއެވެ. މި ބައިގައި ދައްކާނީ ކުރިއަށް އޮތް ވަގުތުތަކުގައި މުހިންމު ކާޑުތަކެވެ. މިސާލަކަށް ފާއިތުވި ހަފުތާގައި އޯޑަރުކުރި އެއްޗެއް މިއަދު ޑެލިވަރީވާން އޮތްކަން ދައްކައިދޭނެއެވެ.
ގޫގުލްއިން ބުނެފައިވާ ގޮތުގައި މި ހުރިހާ ސަމަރީ ކާޑުތަކަކީވެސް ޑައިނަމިކް އަދި ރިއަލްޓައިމްކޮށް އަޕްޑޭޓްވަމުންދާނެ އެއްޗެކެވެ. އަދި ކަމާ ގުޅޭ ގޮތުން، މި ކާޑުތަކުގައި އެކްޝަން ބަޓަންތައްވެސް ހިމެނޭނެއެވެ. މިސާލަކަށް ޕަރޗޭސް ސަމަރީ ކާޑުތަކުން ޕެކޭޖު ޓްރެކްކުރުމާއި، އޯޑަރުގެ ތަފުސީލު ބެލުމުގެ ފުރުސަތު ލިބޭނެއެވެ.
ގޫގުލްއިން މި ބަދަލުތައް ގެންނަނީ "އީމެއިލް ބޭނުންކުރާ ގޮތްތައް ތަރައްޤީވަމުން އައިސްފައިވާތީ" ކަމަށް ބުނެފައިވެއެވެ. މި އައު ފީޗަރތައް ތަޢާރަފުކުރާނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. ބައެއް ބަދަލުތައް މިހާރުވެސް ބައެއް ޔޫސަރުންނަށް ފެންނަމުންދާއިރު، އަނެއްބައި ބަދަލުތައް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ތަޢާރަފުކުރާނެ ކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!