ފޭސްބުކާއި، އިންސްޓާގްރާމް އަދި ވަޓްސްއެޕް ފަދަ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެއްގެ ބެލެނިވެރި ކުންފުނި މެޓާގެ ވެރިޔާ މާކް ޒަކަބާގުގެ މުއްސަނދިކަން 201 ބިލިއަން ޑޮލަރަށް އަރައިފިއެވެ.
މެޓާވާރސް ޓެކްނޮލޮޖީއަށް ކުރި އިންވެސްޓްމަންޓުގެ ސަބަބުން ފުރަތަމަ 100 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ނަމަވެސް، މިހާރު މާކް ޒަކަބާގުގެ މުއްސަނދިކަން ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ.
ބްލޫމްބާގް ބިލިއަނެއަރުންގެ އިންޑެކްސްގެ މަޢުލޫމާތު ދައްކާގޮތުގައި، މެޓާ ޕްލެޓްފޯމްސްގެ ހިއްސާގެ އަގު އެންމެ މަތީ މިންވަރަށް ދިއުމާއެކު، ޒަކަބާގުގެ މުއްސަނދިކަން ވަނީ ފާއިތުވި ދެ އަހަރު ތެރޭގައި ހަ ގުނައަށް އިތުރުވެ، 201 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ އޭނާގެ މުއްސަނދިކަން ފުރަތަމަ ފަހަރަށް 200 ބިލިއަން ޑޮލަރަށް އެރި ފަހަރެވެ.
މި ކުރިއެރުމާއެކު ޒަކަބާގު ވަނީ ދުނިޔޭގެ އެންމެ މުއްސަނދި 500 މީހުންގެ ލިސްޓުގައި ހަތަރުވަނައަށް އަރާފައެވެ. މިހާރު އޭނާގެ ކުރިއަށް ތިބީ އީލޮން މަސްކް، ޖެފް ބެޒޯސް އަދި ބަރނާޑް އަރނޯލްޓް އެވެ.
ޒަކަބާގުގެ މުއްސަނދިކަން މިހާ ބޮޑަށް އިތުރުވެފައިވަނީ މެޓާގެ ހިއްސާގެ އަގު 60 ޕަސެންޓް އިތުރުވުމާ ގުޅިގެންނެވެ. މެޓާގައި އޭނާގެ 13 ޕަސެންޓުގެ ހިއްސާގެ ސަބަބުން، މިއަހަރު ފެށުނީއްސުރެ އޭނާގެ މުއްސަނދިކަމަށް 73.4 ބިލިއަން ޑޮލަރު އިތުރުވެފައިވެއެވެ.
2022 ވަނަ އަހަރު މެޓާވާރސްއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމާއެކު ކުންފުނީގެ ހިއްސާގެ އަގު ވެއްޓި، ޒަކަބާގުގެ މުއްސަނދިކަމަށް ބޮޑު ގެއްލުމެއް ލިބުނެވެ. ނަމަވެސް މިހާރު އެނަލިސްޓުން ދެކޭގޮތުގައި، ފޭސްބުކުން މެޓާއަށް ބަދަލުވުމުގެ ނަތީޖާ ފެންނަން ފަށާފައިވެއެވެ. ޚާއްޞަކޮށް އޯރިއަން އޯގްމެންޓެޑް ރިއަލިޓީގެ އުފެއްދުމަށް ކުންފުނިން ދޭ އިސްކަމާއެކުއެވެ.
މީގެ އިތުރުން، މެޓާއިން ވަނީ މުވައްޒަފުންގެ އަދަދު 25 ޕަސެންޓް މަދުކޮށް، 50 ބިލިއަން ޑޮލަރުގެ ހިއްސާ ގަތުމުގެ ޕްރޮގްރާމެއް ތަޢާރަފުކޮށް، އަދި ފުރަތަމަ ފަހަރަށް ކުއާޓަރލީ ޑިވިޑެންޑެއް ދޭން ފަށާފައެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ދާއިރާގައިވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!