އިޒްރޭލުން ލުބުނާނުގެ ދެކުނާއި އިރުމަތީ ސަރަޙައްދުތަކަށް އަމާޒުކޮށް މެދުކެނޑުމެއްނެތި ވައިގެ މަގުން ދެމުންދާ ހަމަލާތަކުގައި އިތުރު 63 މީހުން މަރުވެ، 92 މީހުން ޒަޚަމްވެފައިވާ ކަމަށް ލުބުނާނުގެ ޞިއްޙަތާބެހޭ މިނިސްޓްރީން ހާމަކޮށްފިއެވެ.

އާދިއްތަ ދުވަހުން ދިން ހަމަލާތަކުގައި 63 މީހުން ޝަހީދުވެފައިވާޢިރު، އެންމެ ގިނަ މީހުން އެއްދުވަހާ މަރުވި ހަމަލާއަކީ އާދީއްތަ ދުވަހު ދެކުނު ލުބުނާނުގެ ސައިދާ ސަރަޙައްދުގެ އައިން އެޑް ޑެލްބް ރަށަށް ދިން ހަމަލާތައް ކަމަށް އެރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އިރުމަތީ ލުބުނާނުގެ ހަރުމަލް ސަރަޙައްދަށް ދިން ހަމަލާތަކުގައި 12 މީހުން މަރުވެ، 20 މީހުން ޒަޚަމްވިއެވެ.

Ad
rt

ބަކާޢު ވާދީގެ ހުޅަނގު ފަރާތުގައިވާ ސޮހްމޯރު ރަށުގައި ހުރި ސިވިލް ޑިފެންސް މަރުކަޒަކަށް އިޒްރޭލުގެ ފައިޓަރ ޖެޓްތަކުން ދިން ހަމަލާއެއްގައި 6 މެޑިކަލް މުވައްޒަފުން މަރުވެ، 4 މީހުން ޒަޚަމްވިއެވެ.

ސެޕްޓެމްބަރު 23 އިން ފެށިގެން އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 900 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 2،700 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ލުބުނާނުގެ ޞިއްޙަތާބެހޭ މިނިސްޓްރީން ބުނެފައިވެއެވެ. މި ހަމަލާތަކުގައި ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ ހިމެނޭ ގޮތަށް އެ ޖަމާޢަތުގެ ގިނަ އިސް ވެރިން އަވަހާރަވެފައިވެއެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓަރު އިޒްރޭލް ކަޓްޒް ބުނެފައިވަނީ ހިޒްބުﷲ ލިޓާނީ ކޯރުގެ އުތުރަށް ފަހަތަށް ޖެހި، ހަތިޔާރު ބެހެއްޓުމުން މެނުވީ ހަނގުރާމަ ހުއްޓާނުލާނެ ކަމަށެވެ. އެހެންނަމަވެސް، ލުބުނާނުގެ ވަގުތީ ބޮޑުވަޒީރު ނަޖީބް މިކާތީ ބުނެފައިވަނީ އދ. ގެ ސަލާމަތީ ކައުންސިލުގެ ޤަރާރު 1701 ތަންފީޒުކުރުމަށް ލުބުނާނު ތައްޔާރަށް އޮތް ކަމަށެވެ. މި ޤަރާރުގެ ދަށުން ލިޓާނީ ކޯރުގެ ދެކުނަށް ލުބުނާނުގެ ސިފައިން ފެއަށް ޖެހެން ޖެހެއެވެ.

ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ އިޒްރޭލުން ލުބުނާނަށް ދޭ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ހަނގުރާމަ އިތުރަށް ފުޅާވެ، ސަރަޙައްދީ ހަނގުރާމައަކަށް ބަދަލުވެދާނެކަމުގެ އިންޒާރު ދީފައެވެ.