އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ސަޚްސު އޮޅުވާލައިގެން ތިން ބިދޭސީއަކު ރާއްޖެ އެތެރެވާން މަސައްކަތްކޮށްފައިވާ ކަމަށެވެ. މި މީހުންނަކީ ވެލާނާ އެއާޕޯޓުން ވައިގެ މަގުން ރާއްޖެ އައިސް އެތެރެވާން އުޅުނު ބަޔެކެވެ.

Ad
rt

އިމިގްރޭޝަނުން އެމީހުންގެ ވަނަވަރު ހާމައެއް ނުކުރެއެވެ. ނަމަވެސް އެމީހުން ހުއްޓުވި ދުވަހާއި އުމުރު ވަނީ ހާމަކޮށްފައެވެ.

އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީން މީގެ ކުރިން ވެސް އިމިގްރޭޝަނުން ވަނީ އެކިފަހަރުމަތިން ހުއްޓުވާފައެވެ.

ސަޚްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ތިން ބިދޭސީން ހިފަހައްޓާފައި މިވަނީ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން، ފުލުހުންނާއި ގުޅިގެން ބޮޑު އޮޕަރޭޝަނެއް ވެސް ހިންގަމުންދާ ދަނޑިވަޅެއްގައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށްއުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ފާއިތުވި އަހަރު އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުން މި އަހަރުގެ ސެޕްޓެމްބަރު 17 އަށް ހޭދަވި 10 މަސް ދުވަހުގެތެރޭގައި 4،054 ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފައެވެ.

މި އޮޕަރޭޝަންގެ ތެރެއިން ވަކި ޚާއްސަ ދުވަސްތަކުގައި އޮޕަރޭޝަންގެ ސައިޒު ބޮޑުކޮށް ޚާއްޞަ އޮޕަރޭޝަންތައް ވެސް ހިންގާފައިވާއިރު، ބިދޭސީން ވިޔަފާރިކުރާ ތަންތަނުގައި އެކަންކުރަނީ އިމުގެ ތެރެއިންތޯއާއި، އެމީހުން ކާބޯތަކެތި ހަދާ ވިއްކަނީ ހުއްދައިގެ ދަށުން ސާފުތާހިރުކަމާއެކުތޯ އާއި އަދި އެމީހުން ދިރިއުޅެނީ އިންސާނުން ދިރިއުޅެން އެކަށޭނަ މާހައުލެއްގައިތޯ ވެސް އަންނަނީ ބަލަމުންނެވެ.

މީގެ އިތުރުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމާއި، މި ނޫންވެސް ބިދޭސީން އަރައިގަންނަ ކުށްތަކާއި ގުޅޭ ކަންކަން ވެސް ބަލައި އަންނަނީ ބޮޑު ކުރިއެރުމެއް ހޯދަމުންނެވެ.