ވާތުފައިގެ ފަލަމަސްގަނޑަށް އަނިޔާވެ އަންނަ އާދީއްތަ ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ބައްދަލުކުރާ، މެޑްރިޑް ޑާބީ މެޗުގައި އެމްބާޕޭއަށް ނުކުޅެވޭނެ ކަމުގައި ރެއާލުން ބުނެފިއެވެ.

އެމްބާޕޭއަށް އަނިޔާވެފައި ވަނީ ލީގުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ރެއާލާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗުގައެވެ. އެ މެޗުގެ 80 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ. ރެއާލުން އެ މެޗު ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ.

Ad
rt

ޕީއެސްޖީ ދޫކޮށް ރެއާލާއި ގުޅުނު އެމްބާޕޭ އަންނަނީ މި ސީޒަންގައި އެ ޓީމުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން ހުރިހާ މުބާރާތެއް ހިމެނޭހެން ކުޅުނު ނުވަ މެޗުގައި އޭނާ ވަނީ ހަތް ގޯލު ޖަހާފައެވެ.

ރެއާލުން ބުނީ އެމްބާޕޭއަށް ލިބިފައިވާ އަނިޔާ ގާތުން ބަލަމުން އަންނަ ކަމަށެވެ. އޭނާ ކުޅުމުގެ ތެރެއަށް އެނބުރި އަންނަނަ ނަގާނެ މުއްދަތެއް ރެއާލުން އަދި ހާމަކޮށްފައި ނުވެއެވެ.

ރެއާލް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ދެވަނާގައެވެ. އެ ޓީމަށް 7 މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 7 މެޗުން ލިބިފައި ވަނީ 15 ޕޮއިންޓެވެ. މެޑްރިޑް ޑާބީ މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލުމުގެ ފުރުސަތު އެތުލެޓިކޯއަށް އޮތުމަކީ ވެސް ޑާބީ މެޗު ފޯރި ގަދަވެގެންދާނެ ސަބަބެކެވެ. ކުޅުނު 7 މެޗުން ވެސް މޮޅުވެ ހޯދި 21 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނާގައި އޮތީ ބާސެލޯނާއެވެ.