ދުންފަތާއި އީ-ސިނގިރޭޓާއި ވޭޕް ރާއްޖެއިން ބޭން ކުރުމަށް ޑޮކްޓަރުންގެ ޖަމިއްޔާއިން އިއްޔެ ގޮވާލާފައި ވަނިކޮށް، އެތަކެތި ރާއްޖެ އެތެރެ ކުރުން ހުއްޓާލުމަށް ނަރުހުންގެ ޖަމިއްޔާއިން މިއަދު ގޮވާލައިފިއެވެ.
އެ ޖަމިއްޔާއިން މިއަދު އާންމުކުރި ނޫސް ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ވެސް މިހާރު އާންމުވަމުންދާ އަދި ފުރާވަރު އުމުރުގެ ކުދިންނާއި ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލު ވަމުން އަންނަ، ދުންފަތާއި ދުންފަތުގެ އަރައެއް ކަމުގައިވާ ނިކޮޓިން ބޭނުން ކުރުމަށް ގެންގުޅޭ އާލާތެއް ކަމަށްވާ އީ-ސިނގިރޭޓްގެ ސަބަބުން ދުންފަތުގެ ތަފާތު ނުރައްކަލަކަށް ހުށަހެޅިގެންދާ އައު ޖީލެއް އުފެދެމުން އަންނަ ކަމަށެވެ.
ވޭޕް ކުރުމަށް ބޭނުންކުރާ ދިޔާ ތަކެތީގައި ދުންފަތުގައި ހިމެނޭ ދެވިހިފާ މާއްދާއެއް ކަމުގައިވާ ނިކޮޓިންއާއި އެކިކަހަލަ ރަހަ ޖެއްސުމަށް ބޭނުންކުރާ ފްލޭވާ (މެންތޯލް، މެޓާ، އެކި މޭވާ އަދި އެހެނިހެން ކާތަކެތީގެ ރަހަ) އަދި ތަފާތު އިތުރު ކެމިކަލްތައް ހިމެނޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އާންމު ފަރާތްތަކުން، ހާއްސަކޮށް ޒުވާނުންނާއި ސްކޫލްކުދިން އީ-ސިނގިރޭޓް ބޭނުންކުރާ މިންވަރު ދަނީ ކަންބޮޑުވާ ވަރަށް އިތުރުވަމުން ކަމަށާއި އީ-ސިނގިރޭޓްގެ ސިއްހީ ނުރައްކާތެރި ކަމާއިމެދު މިހާރު ލިބިފައިވާ ފަންނީ މައުލޫމާތު ތަކަށް ބިނާކޮށް އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) ގުޅިގެން ނެރެފައިވާ ބަޔާނުގައި އީ-ސިނގިރޭޓް ބޭނުން ކުރުން އެއްގޮތަކަށް ވެސް ރައްކާތެރި ނޫންކަމަށާއި އީ-ސިނގިރޭޓް ބޭނުން ކުރުން ހުއްޓާލަން ގޮވާލާފައިވާ ކަމުގައި އެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ގްލޯބަލް ޔޫތު ޓޮބެކޯ ސާވޭ 2019 އިން ދައްކާ ގޮތުގައި ސްކޫލް ކުދިންގެ މެދުގައި ވެސް އީ-ސިނގިރޭޓް ބޭނުން ކުރުންދަނީ ހަލުވިކަމާއިއެކެ އިތުރުވަމުން ކަމަށާއި 13 އަހަރާއި 15 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންގެ ތެރެއިން 17.1 އިންސައްތަ ކުދިން އީ-ސިނގިރޭޓް ބޭނުން ކުރާކަމަށް ތަފާތު ހިސާބުތަކުން ދައްކާކަމަށެވެ.
ވޭޕް ކުރަން ފަށާ ކުދިންނަކީ ކުރިން ދުންފަތުގެ އިސްތިއުމާލު ކޮށްފައި ނުވާ ކުދިންކަމާއި މި ކުދިން މުސްތަގުބަލުގައި އާންމުކޮށް ދުންފަތުގެ އިސްތިއުމާލު ކުރަން ފެށުމަށް އީ-ސިނގިރޭޓް މަގުފަހިކޮށްދޭކަން ފާހަގަވާ ކަމަށާއި އީ-ސިނގިރޭޓް ޑިވައިސްއަކީ އޭގެ ރައްކާތެރިކަން ދުނިޔޭގެ އެއްވެސް ގައުމަކުން ކަށަވަރު ކޮށްދީފައިވާ އެއްޗެއް ނޫން ކަމަށާއި އަދި އީ-ސިނގިރޭޓުން ކުރިމަތިވާ އެކި ސިއްހީ މައްސަލަތައް ފާހަގަ ކުރެވިފައިވާއިރު، އެ އާލާތަކީ ދުންފަތުގެ އިތުރުން މަސްތުވާތަކެއްޗަށް ވެސް މަގުފަހި ކުރުވާ އެއްޗެއް ކަމަށް ފާހަގަ ކުރެވިފައިވާ ކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.
މި ނުރައްކަލުން ޒުވާން ޖީލު ރައްކާތެރި ކުރުމަށް އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ ވަގުތުން ވަގުތައް ކޮންމެހެން ކުރަން ޖެހިފައިވާ ވަރަށް މުހިންމު ކަމެއްކަމުގައި ދެކޭ ހިނދު މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް ދިވެހި ނަރުހުންގެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.
އެ ޖަމިއްޔާއިން ވަނީ ދުންފަތާއި އީ-ސިނގިރޭޓާއި ވޭޕް ރާއްޖެ އެތެރެކުރުން ހުއްޓުވުމަށް މަސައްކަތް ކޮށްދެއްވުމަށް ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ބޯޑް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، މިނިސްޓްރީ އޮފް ހެލްތު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، މޯލްޑިވްސް ކަސްޓަމަސް ސާވިސްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސް ފަރާތުން އެ މަސައްކަތް ކޮށްދެއްވުމަށް އެދި އާދޭސް ދަންނަވާ ކަމުގައި އެ ބަޔާނުގައި ބުނެފައެވެ.
އެ ޖަމިއްޔާއިން ވަނީ ވޭޕާއި އީ-ސިނގިރޭޓް ބޭން ކޮށްދެއްވުމަށް ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ވެސް ގޮވާލާފައެވެ.
ދިވެހި ނަރުހުންގެ ޖަމިއްޔާއަކީ ދިވެހިރާއްޖޭގެ ނަރުސްކަމުގެ ހިދުމަތް ފުޅާކޮށް ފެނަވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި 2007 ވަނަ އަހަރު އުފައްދާފައިވާ އަމިއްލަ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މަސައްކަތުގެ ތެރޭގައި މުޖުތަމައުގެ ސިއްހަތަށް އަސަރުކުރާ އެކިއެކި ކަންކަމަށް ވާހަކަދެކެވި ހޭލުންތެރިކަން އިތުރު ކުރުވުން ހިމެނެއެވެ.
ވޭޕާ ގުޅޭ ކަންބޮޑުވުންތަކާ މެދު މަޝްވަރާކުރަން އަތޮޅުތެރޭގެ ސްކޫލްތަކުގެ އިސްވެރިންނާއި ޕީޓީއޭއާއެކު މިނިސްޓްރީން މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!