މި އަހަރުގެ ފުރަތަމަ 8 މަސް ދުވަސްތެރޭ ސްކޭމްތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަން ތަކުގައި 2.2 މިލިއަން ރުފިޔާ ހޯދާފައިވާ ކަމުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ޝިފާން މީގެ އިރުކޮޅެއްގެ ކުރިން "އެކްސް" ގައި ވިދާޅުވީ މި އަހަރުގެ ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ މަކަރާއި ހީލަތުގެ މައްސަލަތަކުން 2.2 މިލިއަން ރުފިޔާ އަނބުރާ ހޯދާފައި ކަމަށެވެ.
ޝިފާން އިތުރަށް ވިދާޅުވީ ގިނަ ބަޔަކު އަދިވެސް މަކަރުވެރިންގެ ނުރައްކަލަށް ހުށަހެޅި، އެމީހުންގެ ރޭވުންތަކުގެ ޝިކާރައަކަށް ވަމުންދާކަމީ ހިތާމަކުރާކަމަށެވެ.
ރާއްޖޭގައި ހިންގާ ސްކޭމްތައް އިތުރުވަމުން އަންނާތީ ސްކޭމްތަކުން މީހުން ސަލާމަތްކޮށް އެ ކުށްކުރާ މީހުން ހޯދުމަށް ހާއްސަކޮށް އެންޓި ސްކޭމް ސެންޓަރެއް ގާއިމުކުރަން ފުލުހުންގެ އިދާރާއިން ނިންމާފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވަނީ މި އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު ވިދާޅުވެފައެވެ.
ސްކޭމްތަކުގެ މައްސަލަތަކުގެ ރެކޯޑް ފުލުހުން ބަލަހައްޓަން ފެށީއްސުރެ ޖުލައި މަހާއި ހަމައަށް އާންމުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު 150 މިލިއަނަށް އަރާކަމުގައި ޝިފާން ޖުލައި މަހު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!