ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ގެޓާފޭ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، މޮޅުވުމުގެ ސިލްސިލާ ބާސާއިން ދަމަހައްޓައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 19 ވަނަ މިނެޓުގައި ޖަހައިދިނީ ލެވަންޑޯސްކީއެވެ. ކޫންޑޭ ހުރަސްކުރި ބޯޅަ ދިފާއުކުރަން ގެޓާފޭގެ ކީޕަރު ސޯރިއާ މަސައްކަތް ކުރުމުގެ ތެރޭ އަތުގައި ޖެހިފައި އޭރިއާތެރެއަށް ވެއްޓުނު ބޯޅަ ލެވަންޑޯސްކީ ވަނީ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލާ ބާސާއަށް ލީޑު ނަގައިދީފައެވެ. މިއީ މި ސީޒަންގައި އޭނާ ޖެހި ހަތްވަނަ ލަނޑެވެ.

Ad
rt

މެޗުގައި ބާސާއަށް ލީޑު ފުޅާކޮށްދޭން ރަނގަޅު ފުރުސަތުތައް ވަނީ ރަފީނިއާގެ އިތުރުން ލެމީން ޔަމާލް އަށް ވެސް ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކޮށްލަން ރަނުގެ ފުރުސަތެއް އިތުރު ވަގުތުގެ ތެރޭ ގެޓާފޭގެ މަޔޮރާލް އަށް ލިބުނެވެ. އޭރިއާތެރެއިން ލިބުނު ހުސް ފުރުސަތުގައi އެ ބޯޅަ ރަނގަޅަށް ފޮނުވާނުލެވުނެވެ.

މި ސީޒަންގައި ލީގުގައި ބާސާއިން މިވަނީ މިހާތަނަށް ކުޅުނު ހަތް މެޗު ވެސް ކާމިޔާބު ކޮށްފައެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެ ޓީމް އޮތީ 7 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ރެއާލް މެޑްރިޑަށް 7 މެޗުން ލިބިފައި ވަނީ 17 ޕޮއިންޓެވެ.