އެކުވެރި ދައުލަތް (އދ.) އިން ނިންމާ ނިންމުންތައް ދުނިޔޭގެ ފެންވަރުގައްޔާއި ދާޚިލީ ފެންވަރުގައި ތަންފީޒުކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ.

ރައީސް މުޢިއްޒު މިކަމަށް ގޮވައިލެއްވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ތަޤްރީރު ކުރަށްވަމުންނެވެ.

Ad
rt

މި ތަޤްރީރުގައި ރައީސް ވިދާޅުވީ، އދ. އިން ފަރުދީ ދިރިއުޅުމަށް ޙަޤީޤީ ނުފޫޒު ފޯރުވަންޖެހޭނެ ކަމަށެވެ.

ހަމައެހެންމެ ރައީސް ވަނީ، އދ. އިން ނިންމާ ނިންމުންތައް ދުނިޔޭގެ ފެންވަރުގައްޔާއި ދާޚިލީ ފެންވަރުގައި ތަންފީޒުކުރުމަށް ގޮވާލައްވާފައެވެ. އަދި މުހިންމު މައްސަލަތައް ޙައްލުކުރުމުގައި ބައިނަލްއަޤުވާމީ އެއްބައިވަންތަކަމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކީ، ޚުދު އަޅުގަނޑުމެންގެ ޢަމަލުތަކުން އުފެދިފައިވާ މައްސަލަތައްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ބޭނުން ވަނީ ބައިބައިވެ މާޔޫސްވެފައިވާ އދ. އެއް ނޫންކަމަށާއި، ބޭނުން ވަނީ އެއްބައިވަންތަ އެކުވެރި ދައުލަތްތަކެއްކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ،ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކަށް އެހީތެރިވެދޭ މަލްޓިލެޓަރަލް ނިޒާމެއް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަށް ބޭނުންވަނީ އަޅުގަނޑުމެންގެ ނަމުގައި ވަކާލާތުކޮށްދީ، އަޅުގަނޑުމެންނަށް ނަތީޖާ ފޯރުކޮށްދޭ ނިޒާމެއް" ރައީސް ވިދާޅުވެފަވެއެވެ.