ހއ. ހޯރަފުށީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިއްކާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
އެ މީހާ ހައްޔަރުކޮށްފައި ވަނީ ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
އިއްޔެ ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އެރަށު ރަތްބަގީޗާގެ، އަޙްމަދު ޝީބާން (42އ) އެވެ.
މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ކޮޓަރި ވަނީ ބަލައިފާސްކޮށްފައެވެ. މި ބަލައިފާސްކުރުމުގެ މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި ތަކެތީގެ ވަގުތީ ބަރުދަނުގައި 50.6 ގްރާމް ހުރިއިރު، އެ ކޮޓަރިން ވަނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރަން ގެންގުޅޭ ކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ވެސް ފެނިފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ހޯރަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!