ރާއްޖޭގައި ގަވާއިދާ ހިލާފަށްއުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި 10 މަސްތެރޭގައި 4،054 ބިދޭސީން ފޮނުވާލައިފިއެވެ.

މި އޮޕަރޭޝަން އިމިގްރޭޝަނުން ފެށީ ފާއިތުވި އަހަރު އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުއެވެ. ފުލުހުންނާއި ގުޅިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަން އަށް އަހަރުގެ ސެޕްޓެމްބަރު 17 އަށް ވަނީ 10 މަސް ވެފައެވެ.

Ad
rt

އިމިގްރޭޝަނުން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު މި މުއްދަތުގެ ތެރޭގައި ގަވާއިދުން ބޭރަށް ރާއްޖޭގައި އުޅެމުން އައިކަމަށް ފާހަގަވި 4،054 ބިދޭސީން ވަނީ ޤައުމަށް ފޮނުވާލާފައެވެ.

މި މުއްދަތުގައި އެންމެ ގިނައިން ބިދޭސީން ފޮނުވާލާފައި ވަނީ މި އަހަރުގެ 17 މެއި އިން 17 ޖޫން އަށް ހިނގި މުއްދަތުގައެވެ. އެއީ 690 ބިދޭސީންނެވެ. ދެން އެންމެ ގިނަ ބިދޭސީން ފޮނުވާލީ 17 އޯގަސްޓް އިން 17 ސެޕްޓެމްބަރު އަށް ހިނގި މުއްދަތުގައެވެ. މި މުއްދަތުގައި 663 ބިދޭސީން ވަނީ ފޮނުވާލާފައެވެ.

މި އޮޕަރޭޝަންގެ ތެރެއިން ވަކި ޚާއްސަ ދުވަސްތަކުގައި އޮޕަރޭޝަންގެ ސައިޒު ބޮޑުކޮށް ޚާއްޞަ އޮޕަރޭޝަންތައް ވެސް ހިންގާފައިވާއިރު، ބިދޭސީން ވިޔަފާރިކުރާ ތަންތަނުގައި އެކަންކުރަނީ އިމުގެ ތެރެއިންތޯއާއި، އެމީހުން ކާބޯތަކެތި ހަދާ ވިއްކަނީ ހުއްދައިގެ ދަށުން ސާފުތާހިރުކަމާއެކުތޯ އާއި އަދި އެމީހުން ދިރިއުޅެނީ އިންސާނުން ދިރިއުޅެން އެކަށޭނަ މާހައުލެއްގައިތޯ ވެސް އަންނަނީ ބަލަމުންނެވެ.

މި އޮޕަރޭޝަންގައި ސެލޫން، ސްޕާ، ހޮޓާ، ބިދޭސީން ދިރިއުޅޭ އެކޮމަޑޭޝަންތައް ފަދަ ތަންތަން ވެސް އަންނަނީ ބަލައި ފާސްކުރަމުންނެވެ. އަދި ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ ބިދޭސީން ވެސް އަންނަނީ ހޯދައި ފިޔަވަޅު އަޅަމުންނެވެ.

މި އޮޕަރޭޝަނާއެކު ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންނާ ގުޅޭ މަޢުލޫމާތާއި އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން މައްސަލަތައް ރިޕޯޓުކުރުމަށް އިމިގްރޭޝަނުން ވަނީ މިއަހަރުގެ ޖުލައިމަހު "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ޕްލެޓްފޯމެއް ވެސް ގާއިމުކޮށްފައެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ރިޕޯޓްކުރުމަށް ފަސޭހަވެގެން ދިޔައެވެ.