އެސްޕަންޔޯލް އިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ހަތަރު ލަނޑު (4-1) ޖަހައިގެން ރެއާލް މެޑްރިޑުން މެޗު ކާމިޔާބު ކޮށްފިއެވެ.

ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ރެއާލުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ފުރަތަމަ ހާފުގައި ރޮޑްރިގޯގެ އިތުރުން އެމްބާޕޭއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބުނު ނަމަވެސް ގޯލެއް ޖެހޭގޮތެއް ނުވިއެވެ. މި ހާފުގައި ރެއާލްގެ ހަމަލާތައް ހުއްޓުވުމުގައި އެސްޕަންޔޯލްގެ ކީޕަރ ޔޯއާން ގާސިއާގެ ހުޝިޔާރުކަން ފެނިގެންދިޔައެވެ.

Ad
rt

ދެވަނަ ހާފު ފެށިތާ ނުވަވަނަ މިނެޓްތެރޭ އެސްޕަންޔޯލުން އުފެއްދި ކައުންޓަ އެޓޭކެއްގައި އެޓީމްގެ ޔޮފްރޭ ރެއާލުގެ ގޯލު ކުރިމައްޗަށް ހުރަސްކުރަން މަސައްކަތް ކުރި ބޯޅަ ބައި ގޯލަށް ވަނީ ކީޕަރ ކޯޓުއާގެ ފައިގައި ޖެހިފައެވެ.

ރޭ މެޗަށް ރެއާލުން ނެގި ފުރަތަމަ އެގާރާގައި އެ ޓީމްގެ އިތުބާރު ވިންގަރ ވިނީސިއަސް ހިމަނާފައިނުވާއިރު، އޭނާ ކުޅެން ނުކުމެފައި ވަނީ ބައިކޮޅަށް ވަތް ލަނޑަށް ފަހުއެވެ. މެޗުން ރެއާލް މޮޅުކޮށްދިނުމުގައި އޭނާގެ ދައުރު ބޮޑެވެ.

ރެއާލުގެ ފުރަތަމަ ލަނޑު 58 ވަނަ މިނެޓުގައި ޖަހައިދިނީ ކަރަވަހާލްއެވެ. ރެއާލުން މެޗުގައި ލީޑު ނެގީ 75 ވަނަ މިނެޓުގައި ރޮޑްރިގޯ ޖެހި ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ ވެނީ ގެ މޮޅު ޕާހަކުން ތަނަވަސްވީ ފުރުސަތެއްގައެވެ. ރެއާލުގެ ތިންވަނަ ލަނޑު އެމްބާޕޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ވިނީ ޖަހައިދިންއިރު ހަތަރުވަނަ ލަނޑު 90 ވަނަ މިނެޓުގައި ޖަހައިދިނީ އެމްބާޕޭއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ޕެނަލްޓީއަކުންނެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި އެމްބާޕޭ މި ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އޭގެތެރެއިން ތިން ލަނޑަކީ ޕެނަލްޓީން ކާމިޔާބުކުރި ލަނޑެވެ.

މި މެޗުން މޮޅުވެ ރެއާލުން ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސެލޯނާއާއި އެއް ޕޮއިންޓަށް ކައިރިޔަށް ޖެހިލާފައެވެ. ރެއާލަށް 6 މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، ބާސާއިން ވަނީ 5 މެޗުން 15 ޕޮއިންޓް ހޯދާފައެވެ. މިރޭ ރަށުން ބޭރުގައި ބާސާ ނުކުންނާނީ ވިޔަރެއާލްއާއި ދެކޮޅަށެވެ. މެޗު ކާމިޔާބު ކޮށްގެން އެއްވަނާގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުސަތު ބާސާއަށް އެބައޮތެވެ.