ޣައްޒާ ސިޓީގައި ހުރި، ގެދޮރު ގެއްލިފައިވާ ކުދިންނަށް ޚާއްޞަ ސްކޫލަކަށް އިސްރާއީލުން ހޮނިހިރު ދުވަހު ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން 22 މީހުން ޝަހީދުވެ، 30 މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްޙީ އިދާރާތަކުން ބުނެފިއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ފަލަސްތީނުގެ ސިއްޙަތާބެހޭ މިނިސްޓްރީން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި މި ހަމަލާ އަމާޒުކުރީ ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ ޒައިތޫން ސްކޫލަށެވެ. މި ހަމަލާއާއެކު ވޭތުވެދިޔަ 72 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 119 އަށް އަރާފައިވާ ކަމަށާއި، އިސްރާއީލާ ހަމާސްއާ ދެމެދު ފެށުނު ހަނގުރާމައިގެ 11 މަސް ތެރޭގައި ޝަހީދުވި މީހުންގެ އަދަދު 41,391 އަށް އަރާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

Ad
rt

ޣައްޒާގެ ސަރުކާރުން މީޑިއާތަކަށް ދޫކުރި ބަޔާނެއްގައި މި ހަމަލާއަކީ "ބިރުވެރި ގަތުލުއާންމެއް" ކަމަށް ބުނެ، ޝަހީދުވި މީހުންގެ ތެރެއިން 16 މީހުންނަކީ މައިންބަފައިން ގެއްލި ކުދިންނާއި ފިރިން ޝަހީދުވެފައިވާ އަންހެނުން ކަމަށް ބުނެފައިވެއެވެ.

"މި މީހުން ސްކޫލަށް އައީ އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކުގެ ތެރޭގައި ފުރާނަ ސަލާމަތް ކުރުމަށް،" ބަޔާނުގައި ބުނެފައިވެއެވެ. "ނަމަވެސް އިސްރާއީލުގެ މިސައިލްތައް އެމީހުންނަށް އަމާޒުވީއެވެ. އެމީހުން ޝަހީދުކޮށް، ހަށިތައް ކުދިކުދިކޮށްލީއެވެ." އެބަޔާނުގައިވެއެވެ.

އެހެންނަމަވެސް، އިސްރާއީލުގެ ޑިފެންސް ފޯސްގެ އޮފިޝަލުން ބުނެފައިވަނީ ހަމާސްގެ ހަނގުރާމަވެރިން މި ސްކޫލް ބޭނުންކުރަމުން ގެންދިޔައީ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރެއްގެ ގޮތުގައި ކަމަށެވެ.

އިސްރާއީލު އާމީގެ ތަރުޖަމާނު އަވިޚައި އަދްރައީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލާއި އޭގެ ބާރުތަކާ ދެކޮޅަށް "ޓެރަރިސްޓު" ޢަމަލުތައް ރާވައި ހިންގުމަށް ހަމާސްއިން މި ތަން ބޭނުންކުރި ކަމަށެވެ.