މާލޭގެ ގެއެއްގެ ހަ ވަނަ ފަންގިފިލާގެ ދޮރެއްގެ ބިއްލޫރިގަނޑެއް މަގުމައްޗަށް ވެއްޓި، މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިރޭ 19:12 ހާއިރު، މާލޭގެ މާފަންނު ޖަހާމުގުރި ގޯޅީގައެވެ.
ފުލުހުން ބުނީ އެ ބިއްލޫރިގަނޑު މަގުމައްޗަށް ވެއްޓި އެ ގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ޖެހުނުކަމަށެވެ. އަދި އެ ބިއްލޫރިގަނޑު ސައިކަލްގައި ޖެހި ބިއްލޫރިތައް ބުރައިގެން ދިޔަ ވަގުތު މީހެއްގެ ގައިގައި ޖެހި އަނިޔާވެފައިވާ ކަމަށެވެ.
އެވަގުތު އެމީހާ އުޅުނީ އޭނާ ދުއްވި ސައިކަލް އެ ގޯޅީގައި ޕާކު ކުރާށެވެ. ބުރައިގެން ދިޔަ ބިއްލޫރިތަކުން ޖެހި އަނިޔާވެގެން އެމީހާ ވަނީ ފަރުވާއަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މި ހާދިސާގައި އަނިޔާވީ މީހާއަކީ ދިވެހި ފިރިހެނެކެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!