ކުންފުންޏަށް ގެއްލުންވާގޮތަށް ނަގާފައިވާ މުވައްޒަފުން ދޫކޮށްލަންނިންމީ އެ ކުންފުންޏަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަނެ، މަޝްރޫޢުތައް ޚަރަދުކުޑަކޮށް ކުރިއަށް ގެންދިޔުމުގެ ބޭނުމުގައި ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިން ބުނީ، އެ ކުންފުނިން 2020 ވަނަ އަހަރުން ފެށިގެން އިންހައުސްކޮށް ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކަކީ، މާކެޓް ރޭޓަށްވުރެ އެތައް ގުނައެއް ބޮޑުކޮށް، ކުންފުންޏަށް ނުހަނު ގެއްލުވާ ގޮތަށް، ބޭނުންވާ އަދަދަށްވުރެ އިތުރަށް މުވައްޒަފުން ނަގައިގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކެއް ކަމަށެވެ.

Ad
rt

''ކުންފުނި މިހާރު ތަޙައްމަލް ކުރަމުން މި ދާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ނުނިމި ދިގުލައިގެން ގޮސްފައިވާ ޕްރޮޖެކްޓްތައް، ޚަރަދު ކުޑަ އުސޫލަކުން ކުރިޔަށް ގެންދިޔުމަށްޓަކައި އެ ޕްރޮޖެކްޓްތަކަށް ނަގާފައިވާ މުވައްޒަފުން ދޫކޮށްލުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާތީ، އެ މުވައްޒަފުންނަށް ނޯޓިސް ފޮނުވަން ވަނީ ފަށާފައި'' ފެނަކައިން ބުންޏެވެ.

މިގޮތުން ދޫކޮށްލެވޭ ގިނަ މުވައްޒަފުން ނަގާފައިވާ ޕްރޮޖެކްޓްތަކަކީ މިވަގުތު މަސައްކަތް ނުހިނގާ ޕްރޮޖެކްޓްތަކެއް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފެނަކައިން ބުނިގޮތުގައި އެ ކުންފުނިން އެންމެ އިސްކަމެއް ދޭނީ، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށް ދިނުމަށް ކަމަށެވެ. އެހެންކަމުން އެ ކުންފުންޏަށް ގެއްލުންވާނެ އެއްވެސްކަމެއް ކުރިޔަށް ނުގެންދިޔުމަށްވެސް ނިންމާފައިވާކަމަށް ފެނަކައިން ބުނެއެވެ.