ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް އައްބާސް ޝަރީފު މިއަދު ޢައްޔަނުކުރަށްވައިފިއެވެ.

އައްބާސް އެ މަޤާމަށް ޢައްޔަނުކުރުމަށް އޭނާގެ ނަން، ރައީސް މުޢިއްޒު މަޖިލީހަށް ފޮނުއްވީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

Ad
rt

ޕީޖީއެއް ޢައްޔަނުކުރުމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ އިޖުރާޢަތްތައް ފުރިހަމަކޮށް، އައްބާސް އެ މަގާމަށް ޢައްޔަނުކުރަން މަޖިލީހުގެ އަގުލަބިއްޔަތުން 85 ވޯޓުން ފާސްކުރީ އިއްޔެއެވެ.

އައްބާސް ޕީޖީކަމަށް ޢައްޔަނުކޮށް، އެކަމުގެ ލިޔުން ހަވާލުކުރުމާއި، ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

ޕީޖީ އަކަށް އައްބާސް ޢައްޔަނުކުރަން ފާސްކޮށްފި

ޕީޖީއަކަށް ޢައްޔަނުކުރުމާއި ހަމައަށް ޢައްބާސް އެންމެފަހުން ހުންނެވީ، ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓަރީ އެފެއާޒް މަޤާމުގައެވެ. އަދި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝިއަލް ސަރވިސް އޮތޯރިޓީގެ ގަވަރނިންގ ބޯޑުގެ މެންބަރުކަން ވެސް ފުރުއްވިއެވެ.

އޭގެ ކުރިން އައްބާސް އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުގެ މަޤާމާއި އަދި ޤާނޫނީ ދާއިރާގެ އެކިއެކި މަޤާމުތައް ހިމެނެއެވެ.

ޢައްބާސް ވަނީ އޮސްޓްރޭލިއާގެ ޓަސްމޭނިއާ އިން ބެޗްލަރ އޮފް ލޯ ހާސިލުކުރައްވާފައެވެ.