މެދު ޔޫރަޕު ސަރަހައްދަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ އަސަރު އިޓަލީއަށް ފޯރަމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މި ސަބަބާހުރެ އިޓަލީގެ ގިނަ ސަރަހައްދުތަކަށް ވަނީ ގަދަ ވާރޭއާއި، ވައި ގަދަވުމާއި، ފެންބޮޑުވުމުގެ އިންޒާރު ދީފައެވެ.

Ad
rt

އިޓަލީގެ މެދުތެރޭގައި އޮންނަ ޕެސްކާރާ ސިޓީގައި މިހާރުވެސް ފެންބޮޑުވުން ފެށިފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. އަދި އިޓަލީގެ އުތުރުގައިވާ އެމީލިއާ-ރޮމާނާގެ ސަރަހައްދުން ފެށިގެން އެންމެ ދެކުނަށް ވެސް މޫސުމީ އިންޒާރުތައް ވަނީ ދީފައެވެ.

މި އިންޒާރުތައް ދެވެމުންދަނީ ޕޮލެންޑް، ޗެކް ރިޕަބްލިކް، ރޮމޭނިއާ އަދި އޮސްޓްރިއާގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، މަދުވެގެން 21 މީހުން މަރުވުމަށްފަހުގައެވެ. މީގެ އިތުރުން ކްރޮއޭޝިއާ، ހަންގަރީ އަދި ސްލޮވާކިއާގެ އޮތޯރިޓީތަކުން ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފެންބޮޑުވެދާނެ ކަމުގެ އިންޒާރު ދެމުންދެއެވެ.

މި ފެންބޮޑުވުމުގެ ސަބަބަކީ ސްޓޯމް ބޮރިސް ކަމަށް ބުނެވެއެވެ. މި ސްޓޯމްގެ ސަބަބުން ވޭތުވެދިޔަ ހަފުތާ ބަންދުގައި ވަރަށްބޯކޮށް ވާރޭ ވެހުނެވެ. ދެކުނު ޕޮލެންޑްގައި 5,000 އަށްވުރެ ގިނަ ސިފައިން ވަނީ ރައްޔިތުންނަށް އެހީތެރިވުމަށް ފޮނުވާފައެވެ. މީގެ ތެރޭގައި ނީސާ ސިޓީން ސަލާމަތްކުރެވުނު 40,000 މީހުން ވެސް ހިމެނެއެވެ.

ޕޮލެންޑްގެ ބައެއް ސަރަހައްދުތަކުން ފެން ހިނދެމުން ދިޔަ ނަމަވެސް، އަނެއްބައި ސަރަހައްދުތަކުގައި ފެން ބޮޑުވަމުންދާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. ގްލުޗޮލާޒީ ސިޓީގެ މައި ފާލަން ވަނީ ފެންބޮޑުވުމުގެ ސަބަބުން ވެއްޓިފައެވެ. އަދި ގިނަ މަގުތަކުގައި ވަނީ ބޯކޮށް ކިސަޑު ޖަމާވެފައެވެ.

ޕޮލެންޑްގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ވަނީ އެ ގައުމުގައި އެއް މަސް ދުވަހުގެ ކާރިސާގެ ހާލަތު އިއުލާނުކޮށްފައެވެ. އަދި އެންމެ ބޮޑަށް ފެންބޮޑުވުމުގެ ނުރައްކާ ކުރިމަތިވާނީ ވްރޮކްލޯ ސިޓީއަށް ކަމަށް ވަނީ ލަފާކުރެވިފައެވެ.