މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންގެ ނަމުގައި މާލޭގައި ބިދޭސީން ދިރިއުޅޭ ގެއަކަށް ވަދެ މޮބައިލް ފޯނަކާއި 9000 (ނުވަހާސް) ރުފިޔާ ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި އިއްޔެ 3 މީހަކު ވަދެ، ބަންގްލަދޭޝް މީހެއްގެ އަތުން މޮބައިލް ފޯނަކާއި 9000 ރުފިޔާ ފޭރުނު މައްސަލައެއް އިއްޔެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

Ad
rt

މި މައްސަލައާއި ގުޅިގެން މާލެ، ގ.ބެރުގެ މުހައްމަދު ނަވީން (44) ވަނީ ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ކަމުގައި ފުލުހުން ބުންޏެވެ.

މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމުގައި ފުލުހުން ބުންޏެވެ.

ދާދިފަހުން އިމިގްރޭޝަން އޮފިސަރުން ކަމަށް ބުނެ ޕާކިސްތާނުގެ ނަންބަރަކު ވަޓްސްއެޕް މެދުވެރިކޮށް ވީޑިއޯ ކޯލްކޮށް ފޭރުމުގެ އަމަލުތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.

މީގެ އިތުރުން އިމިގްރޭޝަން އޮފިސަރުންކަމަށް ހެދިގެން ބިދޭސީން އުޅޭތަނަކަށް ވަތް ދެ މީހެއްގެ ފޮޓޯވެސް އާންމު ފަރާތަކުން ވަނީ އެކްސްގައި ހިއްސާކޮށްފައެވެ. އަދި އިމިގްރޭޝަން ޓެގްކޮށް، އެއީ އިމިގްރޭޝަން އޮފިސަރުންތޯ އެހުމުން އިމިގްރޭޝަނުން ވަނީ އެއީ އެތަނުގެ އޮފިސަރުންނޫންކަމަށް ބުނެފައެވެ. އަދި އިމިގްރޭޝަންގެ ރެއިޑްތަކުގައި އޮފިސަރުންގެ އައިޑީ ފެންނަ ގޮތަށް ހުންނާނެ ކަމަށާއި މިހާރުގެ އޮޕަރޭޝަންތަކަކީ ޔުނިފޯމް ލައިގެން ކުރިއަށް ގެންދާ އޮޕަރޭޝަންތަކެއް ކަމަށްވެސް އެތަނުން ވަނީ ބުނެފައެވެ.