އެޕަލް އިން އެންމެ ފަހުގެ މޮބައިލް އޮޕަރޭޓިންގ ސިސްޓަމް، އައިއޯއެސް 18 މިއަދު ރިލީޒްކޮށްފިއެވެ. މި އަޕްޑޭޓްގައި ކޮންޓްރޯލް ސެންޓަރ އަދި ހޯމް ސްކްރީން އަލުން ފަރުމާކުރުމުގެ ފީޗަރ ފަދަ ބޮޑެތި ބަދަލުތަކާއި، އެކްޓިވޭޝަން ލޮކް ފަދަ ކުދި ބަދަލުތައް ހިމެނެއެވެ.
އައިއޯއެސް 18 ލިބޭނީ އައިފޯން އެކްސްއެސް އަދި އޭގެ ފަހުގެ މޮޑެލްތަކަށެވެ. މި އަޕްޑޭޓް އިންސްޓޯލްކުރުމަށް 5 ޖީބީ އިން 10 ޖީބީއާ ދެމެދުގެ ހުސް ޖާގައެއް ބޭނުންވާނެއެވެ. އަޕްޑޭޓް ކުރުމަށް ސެޓިންގްސް އެޕް މެދުވެރިކޮށް ސޮފްޓްވެއަރ އަޕްޑޭޓް މެނޫއަށް ދިއުމަށްފަހު އިރުޝާދުތައް ފޮލޯކުރަންވާނެއެވެ.
އެޕަލް އިންޓެލިޖެންސްގެ ގިނަ ފީޗަރތައް މިހާރު އަދި ނުލިބުނު ނަމަވެސް، އޮކްޓޯބަރު މަހުގެ ތެރޭގައި އެ ފީޗަރތައް ލިބޭނެކަމަށް އެޕަލްއިން ބުނެފައިވެއެވެ. އެ ފީޗަރތައް ފުރިހަމައަށް ލިބޭނީ އައިފޯން 15 ޕްރޯ އަދި އައިފޯން 16 ގެ މޮޑެލްތަކަށެވެ.
މީގެއިތުރުން، އައިޕެޑްއޯއެސް 18 އަދި މެކްއޯއެސް 15 ސެކޯއިޔާ ވެސް މިއަދު ރިލީޒްކޮށްފައިވެއެވެ. އައިޕެޑްތަކަށް ވެސް އައިފޯނުތަކަށް ލިބުނު ގިނަ ފީޗަރތަކެއް ލިބޭނެއެވެ. އަދި މެކްތަކަށް އައިފޯން މިރަރިންގގެ ފީޗަރ ތަޢާރަފުކޮށްފައިވެއެވެ.
ސައިބަރ ސެކިއުރިޓީ މާހިރުން ވަނީ އައު އަޕްޑޭޓްތައް އިންސްޓޯލްކުރުމުގައި ފަރުވާތެރިވުމަށާއި، ފުރަތަމަ ދުވަސްތަކުގައި ލިބޭ ފީޑްބެކް ބަލައި، މައްސަލައެއް ނެތްކަން ކަށަވަރުކުރުމަށްފަހު އަޕްޑޭޓް އިންސްޓޯލްކުރުމަށް އާންމުންނަށް އިރުޝާދު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!