ޖަރުމަނުގެ އާރުބީ ލައިޕްޒިގް ދޫކޮށް މި ސީޒަނަށް ބާސެލޯނާއާއި ގުޅުނު ސްޕެއިން އެޓޭކިން މިޑްފީލްޑަރ ޑެނީ އޮލްމޯއަށް އަނިޔާވެ ފަސް ހަފްތާއަށް ކުޅުމާއި ދުރުގައި މަޑުކުރަން ޖެހިއްޖެއެވެ.

އުމުރުން 26 އަހަރުގެ އޮލްމޯގެ ފަލަމަސް ގަނޑަށް އަނިޔާވެފައި ވަނީ ރޭ ސްޕެނިޝް ލީގުގައި ޖިރޯނާއާއި ދެކޮޅަށް ކުޅުން މެޗުގައެވެ. އަނިޔާގެ ސަބަބުން މެޗުގެ 64 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.

Ad
rt

ބާސާއިން މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކުރިއިރު، މެޗުގައި ބާސާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ޖަހައިދިނީ ވެސް އޭނާއެވެ.

ލީގުގައި ބާސާއިން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް ލީގުގައި ކުޅުނު ފަސް މެޗުން ވެސް އެ ޓީމް ވަނީ މޮޅުވެފައެވެ. ރޭ މެޗަކީ އޮލްމޯ ބާސާއަށް ކުޅުނު ތިންވަނަ މެޗެވެ. ލީގުގެ ފުރަތަމަ ދެ މެޗު އޭނާއަށް ގެއްލުނީ ރަޖިސްޓަރީ ކުރުމުގައި ދިމާވި ހުރަސްތަކާއި ގުޅިގެންނެވެ.

އަނިޔާގެ ސަބަބުން އޮލްމޯއަށް ޗެމްޕިއަންސް ލީގުގައި މޮނާކޯއާއި ދެކޮޅަށް ބާސާ ކުޅޭ މެޗުގައި ވެސް ނުކުޅެވޭނެއެވެ.