މާލޭގެ ގެސްޓްހައުސް އަކަށް ދިވެހި ފިރިހެނަކު ވައްދައި އޮރިޔާންކޮށް، ބިރުދައްކައިގެން ފޭރުނު މައްސަލާގައި ތުހުމަތުވާ ދެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުންގެ ޚިދުމަތުން، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.
މި ހާދިސާ އަކީ 19 ޖުލައި 2024 ދުވަހު ހިނގާފައިވާ ހާދިސާއެކެވެ.
ފުލުހުން ބުނީ، އެ ދުވަހު މާލެ، ޔެލޯ ލައިޓް ސްޓޭ ގެސްޓު ހައުސްއަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް، އޭނާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި އެކައުންޓުގައި ހުރި ފައިސާ ޓްރާސްފަރކޮށް ފޭރުނުކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމާފައިވާ ކަމަށެވެ.
މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު އެ މައްސަލާގައި ތުހުމަތުވާ ދެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ދައުވާކޮށްދިނުމަށް ފުލުހުން އެދިފައި ވަނީ ޙްމަދު މިހާދު (44އ)، ގ. އޯލްޕެރިސް އަދި ރިމާނާ މޫސާ (39އ) ގ. ރަނައުރާގެއާގެ ގެމައްޗަށެވެ.
މި ދެ މީހުންގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!